ޖަޕާނުގެ މައި ސިޓީ ޓޯކިޔޯގައި އޮލިމްޕިކްސް ގޭމްތައް ކުރިޔަށް ދަނިކޮށް ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެ، އެއް ދުވަސް ތެރޭގައި ރިކޯޑު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވެގެން ރިޕޯޓު ކޮށްފިއެވެ.

އިއްޔެ ޓޯކިޔޯއިން ކޮވިޑަށް ފައްސިވެފައިވާކަމަށް ބުނެ ރިޕޯޓު ކޮށްފައިވަނީ 2,848 މީހުންނެވެ. މީގެ ކުރިން ޖެނުއަރީ ހަތް ވަނަ ދުވަހު އެ ސިޓީއިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެ ރިކޯޑު ކޮށްފައިވާ އިރު، އެ އަދަދަކީ 2,520 އެވެ. ކޮވިޑް އާލަމީވަބާގެ ފަހުން މިހާތަނަށް ޓޯކިޔޯއިން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 200,000 އަށް އަރައި، ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 2,262 އަށް އަރައިފައެވެ.

ތަޖުރިބާކާރުން ވަނީ އިންޑިއާއިން އެންމެ ފުރަތަމަ ދެނެގަނެވުނު ޑެލްޓާ ވޭރިއެންޓްގެ ވޭދަނަތައް އިތުރުވެ، ޓޯކިޔޯގެ ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

އޮލިމްޕިކްސް ގޭމްސް ޓޯކިޔޯގައި ކުރިޔަށްދާ އިރު އެ ސިޓީގައި މިހާރު ވަނީ ކޮވިޑް-19 އާ ގުޅިގެން ހަތަރު ވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އެ ހާލަތުގައިވެސް އޮލިމްޕިކްސް ބާއްވަމުންދާތީ ގައުމުގެ ބައެއް މީހުން ދަނީ ސަރުކާރާ މެދު ނުރުހުން ފާޅުކުރަމުންނެވެ. އެ މީހުން ބުނާ ގޮތުގައި ގައުމުގެ ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށް ބެލުމަށްވުރެ އޮލިމްޕިކްސްއަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން މާ ބޮޑެވެ.

މީޑިއާތަކުން ކުރި ދިރާސާއިން ދައްކާ ގޮތުން އޮލިމްޕިކްސް ގޭމްތައް ކުރިޔަށް ގެންދާތީ ރައްޔިތުންގެ ތެރެއިން ބަޔަކު ހިތްހަމަނުޖެހި ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީޑެ ޝުގާއަށް ކުރާ ތާއީދު ވަނީ ގެއްލިފައެވެ. ގޭގައި ތިބެ އޮލިމްޕިކްސް މުބާރާތްތައް ޓީވީއިން ބެލުމަށް ޝުގާ އެދިފައިވެއެވެ.

ޖަޕާނުން ވަނީ ދުނިޔޭގެ އެހެން އާބާދީ ބޮޑު ގައުމުތަކާ އަޅާ ބަލާއިރު ކޮވިޑް ފެތުރުން ކޮންޓްރޯލް ކޮށްފައެވެ. މުޅި ޖަޕާނުން އިއްޔެއާ ހަމައަށް ކޮވިޑަށް ފައްސިވެ ރިޕޯޓް ކޮށްފައިވަނީ 870،445 މީހުންނެވެ. އަދި އެގައުމުން ކޮވިޑު ބަލީގައި މަރުވިކަމަށް ރިޕޯޓުކޮށްފައިވަނީ 15،129 މީހުންނެވެ.