އިސްރާއިލުން އެފްރިކަން ޔޫނިއަން ކޮމިޝަންގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ ދިނުމުން ދެކުނު އެފްރިކާގެ ސަރުކާރުން ހިތްހަމަނުޖެހިއްޖެއެވެ.

ދެކުނު އެފްރިކާގެ ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މެމްބަރުންގެ އިޒްނައެއް ނެތި އިސްރާއީލް އަށް ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ ދީފައި އެ ވަނީ ރަނގަޅު ގޮތަކަަށް ނޫން ކަމަށެވެ.

އިސްރާއިލަށް އޭޔޫގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ ލިބިފައިވަނީ 20 އަހަރުވަންދެން ޑިޕްލޮމެޓިކް ގުޅުން ބާއްވަން ކުރި މަސައްކަތަށް ފަހުއެވެ. މީގެ ކުރިން އިސްރާއިލުން ވަނީ އޯގަނައިޒޭޝަން އޮފް އެފްރިކަން ޔުނައިޓީ (އޯއޭޔޫ)ގެ ރޯލެއް އަދާކޮށްފައެވެ. އަދި އޯއޭޔޫ ޖަމިއްޔާ 2002 ވަނަ އަހަރު އުވާލުމަށް ފަހު އަނެއްކާވެސް އޭޔޫގެ ނަމުގައި ވަނީ ހިންގަން ފަށައިފައެވެ.

އިސްރާއިލްގެ ފޮރިން މިނިސްޓްރީއިން ބުނީ ލިބުނު އާ "ސްޓޭޓަސް"ގެ ސަބަބުން ދެ ގައުމުގެ ގުޅުން ގާތްވެ، އެފްރިކާ ބައްރުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އިރު އެ ވައިރަހުން ދިފާއުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވިގެންދާނެ ކަަމަށެވެ.

ނަމަވެސް، ދެކުނު އެފްރިކާ ސަރުކާރުން ބުނީ އޭޔޫގެ ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލުން ވަރުގަދަ ހަމަލާތަކެއްދީ އެތައް ބަޔަކު ޝަހީދުކޮށްލި ފަހުން އަހަރެއް ނުވާ ކަމަށް އެ ގައުމުން ފާހަގަ ކުރިއެވެ.

އެފްރިކާ އިން ގަބޫލުކުރަނީ ހަމަލާތައް ހުއްޓައި ސަރަހައްދީ އަމާންކަމާއި ހަމަޖެހުން ގާއިމްކުރުމުގެ ވިސްނުން ނެތް ބަޔަކަށް އޭޔޫގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.