އެމެރިކާއާ ދެކޮޅަށް ރަޝިއާ އާއި ޗައިނާ އިން ދެމުންގެންދާ ސައިބާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން ސަރުކާރުގެ އެޖެންޑާގައި އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމަކީ ސައިބާ ހަމަލާތަކުން ދިފާއުވުމުގެ މަސައްކަތެވެ.

އެގޮތުން ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ ސޯލާވިންޑް ކުންފުނިތަކަށާއި، ޕައިޕްލައިން ކުންފުނިތަކާއި، މީޓް އުފައްދާ ކުންފުނިތަކަށް އަމާޒުކޮށްގެން ވަނީ ސައިބާ ހަމަލާތައްް ދީފައެވެ. އެމެރިކާ އިން ސައިބާ ހަމަލާތަކުން ދިފާއުވުމަށް އެންމެ އިސްކަމެއް ދީގެން އެކަން ކުރަމުން އަންނަނީ މި ހަމަލާތަކުގެ ސަބަބުން ކާބޯތަކެއްޗާއި ތެލުގެ ސިނާއަތަށް އަސަރުކޮށްފައިވުމުންނެވެ.

އެމެރިކާގެ ގައުމީ ޖާސޫސީ އިދާރާއަށް ކުރެއްވި ޒިޔާރަތެއްގައި ވާހަކަ ދައްކަވަމުން ރަޝިއާ އާއި ޗައިނާއަށް އިޝާރާތް ކުރައްވާ ބައިޑެން ވިދާޅުވީ އެމެރިކާ އަށް ދެމުންދާ ސައިބާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބޮޑު ބާރަކާ ދެކޮޅަށް ހަނގުރާމައެއް ފެށުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެއީ އެމެރިކާއަށް ސައިބާ ހަމަލާތައް ދެމުންދާ ކަމަށް ތުހުމަތުކުރެވޭ ދެ ގައުމެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވެރިކަމާ ހަވާލުވެ ވަޑައިގެން ސައިބާ ހަމަލާތަކާއި، އެ ހަމަލާތަކުން ދިފާއުވުމާއި ގުޅިގެން އެމެރިކާގެ އިސް ބޭފުޅުންނާ ވަނީ މަޝްވަރާ ކުރައްވައިފައެވެ. ވައިޓްހައުސްއިން ބުނީ ޗައިނާއިން އެމެރިކާއާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކަކީ ދުނިޔޭގައި އަސްކަރީ ގޮތުން އޮތް އެންމެ ބޮޑު ބާރަކަށް ވުމަށް ދެމުން އަންނަ ހަމަލާތަކެއްގެ ގޮތުގައި ބައިޑެން ސިފަކުރައްވާ ކަމަށެވެ. އަދި 2040ގެ އަހަރުތަކުގެ ތެރޭގައި އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ބާރަށް ޗައިނާ ވެދާނެ ކަމުގެ އިންޒާރު ބައިޑަންވަނީ ދެއްވައިފައެވެ.