މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ވައްތަރެއް ކަމަށްވާ ޑެލްޓާ ވޭރިއެންޓަށް ފައްސިވި ޗައިނާގެ އެއާޕޯޓެއްގައި މަސައްކަތް ކުރާ މީހަކަށް ފަހު، އެ ގައުމުގެ ބޮޑު ސަރަހައްދަކަށް ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުހީވެއްޖެއެވެ.

ކޮވިޑްގެ ވޭދަނަތައް އެންމެ ފުރަތަމަ ފެނުނު ޗައިނާގައި އެ ބަލި ކޮންޓްރޯލްކޮށްފައި ވަނިކޮށް، އަލުން އެ ގައުމުގައި ކޮވިޑް ފެތުރެން ފެށީ ޖުލައި 20ގެ ފަހުންނެވެ. އެގޮތުން އޭގެ ފަހުން މިހާތަނަށް 206 ވޭދަނަ ފެނިފައި ވެއެވެ. މި ވޭދަނަތައް ފެނިފައި ވަނީ ނަންޖިންގ ސިޓީންނެވެ.

މި އާ ވޭދަނަތައް ފެންނަން ފެށީ ރަޝިއާއިން އައި މަތިންދާ ބޯޓެއް ސާފް ކުރުމުގެ މަަސައްކަތުގައި އުޅުނު އެއާޕޯޓް ސްޓާފެއް ފައްސިވި ފަހުންނެވެ. އޭގެ ފަހުން މި ބަލި ފަސް ޕްރޮވިންސްއެއްގެ 13 ސިޓީއަކުން ފެނުނެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ މައި ސިޓީ ބެއިޖިންގވެސް ހިމެނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޮގަސްޓް 11 އަ ހަމައަށް މިހާރު ނަންޖިންގ އެއާޕޯޓްގެ އޮޕަރޭޝަން ވަނީ ސަސްޕެންދްކޮށްފައެެވެ. އަދި 9.3 މިލިއަން މީހުން ދިރިއުޅެމުންދާ އެ ސިޓީގައި ކޮވިޑް ފެތުރިފައިވޭތީ ބެލުމަށް ޕީސީއާރް ޓެސްޓު ހެދުމަށް އަންގާފައި ވެއެވެ. އަދި ޖިއަންގސޫ ޕްރޮވިންސްގެ އެތައް ހާސް ބަޔަކު ފުރަބަންދުކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި،ޗައިނާގެ އިތުރު ސިޓީތަކުންވެސް ކޮވިޑް ފެނިގެން ޓެސްޓު ހެދުމުގެ މަސައްކަތައްް ދަނީ ކުރަމުންނެވެ.

ޗައިނާގެ ކަމާއި ގުޅުން ހުރި ތަޖުރިބާކާރުން ބުނާގޮތުގައި، މިހާ ބާރު ސްޕީޑްގައި އެ ގައުމުގައި ކޮވިޑް ފެތުރެން ފަށާފައި ވަނީ ޑެލްޓާ ވޭރިއެންޓްގެ ސަބަބުންނެވެ.