ކަނޑުމަގުން "ދުވެފައި" ދިގު ދަތުރެއް ކުރުމަށް ފްލޮރިޑާގެ މީހަކު ތައްޔާރުވާން ފަށައިފިއެވެ.

އުމުރުން 49 އަހަރުގެ ރޭޒާ ބަލުޗީ ނަމަކަށް ކިޔާ އެ މީހާ ކަނޑުމަގުން ދުވެފައި ދަތުރު ކުރުމަށް ނިންމާފައިވަނީ އޭނާ އަމިއްލައަށް އުފައްދާފައިވާ "ހެމްސްޓާ ވީލް" އަކުންނެވެ.

މިފަދަ ދަތުރެއް ކުރުމަށް އޭނާ ތައްޔާރުވަމުން އަންނައިރު، ވަރަށް ބައިވަރު ގޮންޖެހުންތައް ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެއީ ކަނޑުގަދަ ވެއްޖެނަމަ ދެން ވާނެ ގޮތެއް އޭނާއަށް ނޭނގޭތީއެވެ.

އޭނާ އުފައްދާފައިވާ ހެމްސްޓާ ވީލް އަކީ އޭގައި އުފުލާ ގޮތަށް ފުއްޕާހަން ކަހަލަ ތަކެތި ހަރުކޮށްފައިވާ އެއްޗެކެވެ. އޭގެ ތެރޭގައި އޭނާ ހުރެގެން ދުއްވައިގަތުމުން އެ ވީލް އެނބުރޭނެއެވެ. އެހެން ކަމުން އޭނާ ބޭނުންވާ ގޮތަށް އެ ވީލް ދުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބަލުޗީ އަކީ މީގެ ކުރިން ވެސް ދިގު ދުވެހި ދުވެފައިވާ މީޑިއާގެ ސަމާލު ކަމަށް އައިސްފައިވާ މީހެކެވެ. އެހެން ނަމަވެސް ފަހަކަށް އައިސް އެ މަންޒަރު ނުފެނެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އަނެއްކާ ވެސް އޭނާގެ ވާހަކަތައް މީސްމީޑިއާގައި ފެންމަތިވާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ވެސް އޭނާ ވަނީ ކަނޑުމަގުން ހިނގާފައި ދިގު ދަތުރެއް ކޮށްފައެވެ. އެހެން ނަމަވެސް 1000 މޭލަށް ދެވުނު ފަހުން ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އޭނާ ވަނީ އެކަން ނިންމާލާފައެވެ.

ފަހުން އެކަންކަން ހައްލު ކުރުމަށްފަހު އޭނާ ވަނީ އަނެއްކާވެސް އެކަމާއިގެން ކުރިއަށް ދާނެ ކަން ހާމަ ކޮށްފައެވެ.