ކޮވިޑް-19 ޖެހިގެން އިންޑޮނޭޝިއާއިން އިތުރު 1،808 މީހަކު މަރުވެއްޖެއެވެ.

އިންޑޮނޭޝިއާއަކީ މިހާރު ކޮވިޑްގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމެވެ. އެ ގައުމުގައި ފަހަކަށް އައިސް އެ ބައްޔަށް ފައްސިވާ މީހުންގެ އަދަދުތަކާއި، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.

ދުނިޔޭގެ 14 ވަނަ އަށް އެންމެ ގިނަ މީހުން އެ ބައްޔަށް ފައްސިވެފައިވާ އިންޑޮނޭޝިއާއިން ފާއިތުވި 24 ގަޑިއިރު ތެރޭގައި 1،808 މީހަކު މަރުވިއިރު، މިއަދު އެކަނި 37,284 މީހަކު ފައްސިވެފައި ވެއެވެ.

އެ ގައުމުން މިއަދު މަރުވި މީހުންނާއެކު ޖުމްލަ މަރުގެ އަދަދުތައް ވަނީ 94,119 އަށް އަރާފައެވެ. އެ ގައުމުން އެ ބަލީގައި އެންމެ ގިނަބަޔަކު މަރުވެފައި ވަނީ އަންގާރަ ދުވަހުއެވެ. އެ ދުވަހު 2،069 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ. އެ ގައުމުގައި ފާއިތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ އަދަދުތައް އުޅެނީ 1000 އިން މަތީގައެވެ.

އިންޑޮނޭޝިއާއަށް ކޮވިޑްގެ ބޮޑު ރާޅެއް އަޅައިގެން އުޅޭއިރު، މިއީ ޑެލްޓާ ވޭރިއެންޓް ފެތުރުމާއެކު އިތުރުވެގެންދާ އިތުރު ވުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޮައިޓާސް ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ގައުމުގައި މިހާރު އާއްމު ކުރަމުންދާ މަރުގެ ޑޭޓާތަކަށްވުރެ އެ ގައުމުގައި އެ ބަލީގައި މަރުވަމުންދާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވާނެއެވެ. އަދި މިހާރު އާއްމު ކުރަމުންދާ މަރުގެ އަދަދު ތަކަކީ ހުރިހާ އަދަދުތައް ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ގައުމުގައި ކޮވިޑްގައި މަރުވާ ރޭޓްތައް އިތުރުވަމުންދާއިރު، އެ ބައްޔަށް ފައްސިވާ އަދަދުތައްވެސް ދަަށަށް ނުދެއެވެ. އެގޮތުން މި މަސް ފެށުނު ފަހުން ފައްސިވާ އަދަދުތައް 20،000 އިން މަތީގައި އުޅޭއިރު، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް އަދަދުތައް އުޅުނީ، 50،000 އިން މަތީގައެވެ.

އިންޑޮނޭޝިއާއަކީ މިވަގުތު ކޮވިޑްގެ އެންމެ ނުރައްކާ ބޮޑު ވެފައިވާ އެއް ގައުމެވެ. އެ ގައުމުން މިހާތަނަށް އެ ބައްޔަށް 3,409,658 މީހަކު ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު