ކޮވިޑް-19 ޖެހިގެން ތައިލޭންޑުންނާއި ބަންގްލަދޭޝުން ގިނަ ބަޔަކު މަރުވެއްޖެއެވެ.

ތައިލޭންޑާއި ބަންގަލަދޭޝުން ގިނަ ބަޔަކު މަރުވެފައިވާއިރު، އެ ދެ ގައުމު ހިމެނެނީ މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ 50 ގައުމުގެ ތެރޭގައެވެ.

ތައިލޭންޑުން އިތުރު 178 މީހަކު ކޮވިޑް ބަލީގައި މަރުވެފައިވާއިރު، ބަންގްލަދޭޝުން އިތުރު 218 މީހަކު ވަނީ މަރުވެފައެވެ. މި ދެގައުމުން އިއްޔެ ވެސް 200 އެއްހާ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

ތައިލޭންޑުން އިތުރު 18،912 މީހަކު ކޮވިޑަށް ފައްސިވެފައިވެ، ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 597،287 އަށް އަރާފައެވެ. އަދި އެގައުމުން ބަލި ޖެހިގެން މިހާތަނަށް 4،857 މީހަކު މަރުވެފައިވާއިރު، މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަނީ 200،510 މީހަކަށެވެ. އޭގެ ތެރެއިން 4،691 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.

ބަންގަލަދޭޝުން އިތުރު 9،369 މީހަކު ފައްސިވެ، ޖުމްލަ އަދަދު ވަނީ 1،249،484 އަށް އަރާފައެވެ. އެގައުމުން މިހާތަނަށް 20،685 މީހަކު ބަލި ޖެހިގެން މަރުވެފައިވާއިރު، 1،078،212 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 150،587 މީހަކަށް ބަލި ޖެހިގެން ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 1،349 މީހަކަށް ފަރުވާ ދެމުން އަންނަ އައިސީޔޫގައެވެ.

ދުނިޔޭގެ 220 ގައުމަކާއި ސަރަހައްދެއް ހިމެނޭހެން ކޮވިޑް ފެތުރިފައިވާއިރު، މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 198،232،172 އަށް އަރާފައެވެ. އަދި މި ބަލީގެ ސަބަބުން 4،228،844 މީހަކު މަރުވެފައިވާއިރު، 179،093،400 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.