ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހަދާފައިވާ ހޮސްޕިޓަލްތަކުގެ އައިސީޔޫ އެނދުތައް ފުރިއްޖެއެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނިގެން އައިއިރު ތައިލޭންޑަކީ ބަލި ކޮންޓްރޯލް ކޮށްފައިވާ ގައުމު ތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެހެން ކަމުން އެގައުމުން ބަލި ކޮންޓްރޯލް ކޮށްފައިވާ ގޮތް ފުރިހަމަ ކަމުން ގިނަ ބަޔަކު ވަނީ އެގައުމަށް ތައުރީފު ކޮށްފައެވެ.

އެހެން ނަމަވެސް އެގައުމަށް މިހާރު ވަނީ ކޮވިޑްގެ ތިން ވަނަ ރާޅެއް އަރައި ބިރުވެރި ހާލަތަށް ގައުމަށް ގެންގޮސްފައެވެ.

ކޮވިޑްގެ ތިން ވަނަ ރާޅެއް އަރައި ގިނަ ބަޔަކު ބެންކޮކުން އަންނަނީ ފައްސިވަމުންނެވެ. އަދި ބެންކޮކް ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި ފަރުވާ ދިނުމަށް ކާރު ޕާކު ކުރާ ތަންތަން ބޭނުން ކުރަން ވަނީ ފަށާފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފަރުވާ ނުލިބި ބައެއް ބަލި މީހުން މަގުމައްޗަށް ވެސް އަންނަނީ މަރުވަމުންނެވެ.

ބެންކޮކްގެ ކަމާއި ބެހޭ އިދާރާތަކުން ބުނީ، އެގައުމުން އާއްމު ހޮސްޕިޓަލް ތަކުގެ އައިސީޔޫ އެނދުތައް ފުރިފައިވާ ކަމަށާއި އެނދުތައް ފުރިފައިވުމުގެ ސަބަބުން ބަލި މީހުންނަށް ފަރުވާ ދެމުން އަންނަނީ އެމަޖެންސީ ކޮޓަރިތަކުގައި ކަމަށެވެ.

ހޮސްޕިޓަލްތައް ފުރިބާރުވަމުން އަންނާތީ އެގައުމުގެ ބައެއް ހޮސްޕިޓަލްތަކުން ވަނީ ބަލި މީހުން ގޭގައި އެކަހެރިވުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެގައުމުގެ ސަރުކާރުން ވަނީ ބަލި މީހުން އެމީހުން ދިރިއުޅޭ ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ވެސް ފަށާފައެވެ.

ތައިލޭންޑުން މިހާތަނަށް 597،287 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެ ތެރެއިން 391،920 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި އެގައުމުން 4،857 މީހަކު މަރުވެފައިވާއިރު، އޭގެ ތެރެއިން 178 މީހަކީ ފާއިތުވި 24 ގަޑިއިރު މަރުވެފައިވާ މީހުންނެވެ.

ތައިލޭންޑުގައި މިވަގުތު 200،510 މީހަކު ބަލި ޖެހިފައި ތިބިއިރު، އޭގެ ތެރެއިން 4،691 މީހެއްގެ ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައެވެ.