ކޮވިޑް ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން 14 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ އިންޑޮނޭޝިއާއިން ހަފްތާއަކު 100 ކުދިން ބަލި ޖެހިގެން މަރުވާ ކަމަށް އެގައުމުން ބުނެފިއެވެ.

އިންޑޮނޭޝިއާގެ ޕީޑިއެޓްރިކް ސޮސައިޓީން ބުނީ، ޖުލައި މަހުގެ ކޮންމެ ހަފްތާއަކު 100 ކުދިން މި ބަލީގެ ސަބަބުން މަރުވާ ކަމަށާއި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 12.5 އިންސައްތަ އަކީ ކުޑަކުދިން ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ފަސް އަހަރުން ދަށުގެ ކުދިން ކަމަށް އެސޮސައިޓީން ވަނީ ބުނެފައެވެ.

އެސޮސައިޓީން ބުނީ، ކުޑަކުދިންނަށް ބަލި ޖެހޭ އިންސައްތަ އިތުރުވެފައިވަނީ ޖުލައި މަހު ކުރީ ކޮޅު ކަމަށާއި ކުދިންނަށް ބަލި ޖެހެނީ މިހާރު ފެތުރެމުން އަންނަ ޑެލްޓާ ވޭރިއެންޓްގެ ސަބަބުން ކަމަށެވެ.

އެގައުމުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ޖުލައި މަހުގެ އެންމެ ފުރަތަމަ ހަފްތާގެ ތެރޭގައި ގާތްގަނޑަކަށް 3000-4000 ކުދިން ފައްސިވިއެވެ. އެހެން ނަމަވެސް ދެވަނަ ހަފްތާގެ ތެރޭގައި 5000-7000 ދެމެދުގެ ކުދިން ފައްސިވެ، މިހާރު ހަފްތާއެއްގެ މައްޗަށް 17،000 ކުދިން އަންނަނީ ފައްސިވަމުންނެވެ.

ޑެލްޓާ ވޭރިއެންޓްގެ ނުރައްކާ އެގައުމަށް ބޮޑުވެފައިވާކަން ހާމަ ކުރަމުން އެގައުމުގެ ޔުނިވާސިޓީގެ އެޕިޑެމިއޮލޮޖިސްޓް ޓްރީ ޔޫނިސް މިކޯ ބުނެފައިވަނީ ވަކި އުމުރެއް ނެތި ވައިރަސްގެ ޑެލްޓާ ވޭރިއަންޓް ފެތުރޭ ކަމަށެވެ. "ކުޑަކުދިންގެ ހާލަތު ބޮޑަށް ދަށްވަނީ އެކުދިންނަށް އެދެވޭ ފަރުވާ އެއް ނުލިބޭތީ" އޭނާ ބުންޏެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހަފްތާގެ ތެރޭގައި ވޭދަނަތައް އިތުރުވުމުގެ ސަބަބުން އެގައުމުގެ ގިނަ ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ. އެހެން ކަމުން މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަނީ ބަލި ޖެހިގެން ހާލު ދެރަވާ ފަރާތްތަކަށެވެ.

އެގައުމުގެ ގްރިފިތް ޔުނިވާސިޓީގެ އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ ޑިކީ ބުޑިމަން ބުނެފައިވަނީ ކުޑަކުދިންނަށް ފަރުވާ ދިނުން ލަސްވެގެން ދަނީ އެގައުމުގައި ޓެސްޓް ކުރެވޭ މިންވަރު ވެސް ދަށްވުމުން ކަމަށެވެ.

ޖުލައި މަސް ފެށުނުއިރު، އެގައުމުގެ ހެލްތް މިނިސްޓަރ ބުޑީ ގުނަވަން ސަޑިކިން ވަނީ ދުވާލެއްގެ މައްޗަށް އެގައުމުގައި 400،000 މީހުން ކޮވިޑަށް ޓެސްޓް ކުރެވޭނެ ކަމަށް ވައުދުވެފައެވެ. އެހެން ނަމަވެސް ހަފްތާއެއްގެ ތެރޭގައި އެގައުމުގައި ޓެސްޓް ކުރެވެނީ 155،000 މީހުން ކަމަށް އޮކްސްފޯޑް ޔުނިވާސިޓީގެ 'ވަން ވޯލްޑް ޑޭޓާ' ތަކުން ދައްކައެވެ.

ޖުލައި މަހުގެ ފުރަތަމަ ދުވަހު އެގައުމުން 700،000 ކުޑަކުދިންނަށް ކޮވިޑް ވެކްސިން ދީފައިވާއިރު، އޭގެ ތެރޭގައި 12-17 އަހަރުގެ ކުދިން ހިމެނެއެވެ.

އެގައުމުން ގިނަ އަދަދެއްގެ ކުޑަކުދިން ބަލީގެ ސަބަބުން މަރުވަމުން އަންނައިރު، ބައެއް އާއްމުން ވަނީ ސަރުކާރުން ބައެއް ފަރާތްތަކަށް ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ތުހުމަތުކޮށްފައެވެ.