ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ދިނުމުގައި އެންމެ ކުރީގައި އުޅޭ އެއް ގައުމު ކަމަށްވާ އިސްރާއީލްގައި ގިނަ ބަޔަކަށް ވެކްސިން ދީފައި ވަނިކޮށް ވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އުމުރުން ދުވަސްވީ މީހުންނަށް ވެކްސިންގެ ތިންވަނަ ޑޯޒެއް ދޭން ފަށައިފިއެވެ.

އިސްރާއީލުން ނިންމާފައި ވަނީ އުމުރުން 60 އަހަރަށްވުރެ ދޮށީ މީހުންނަށް ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒެއް ދޭށެވެ. އިސްރާއީލްގެ ބޮޑުވަޒީރު ނަފްޓާލީ ބެނެޓް ހުކުރު ދުވަހު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަމުން ބުނީ ވެކްސިންގެ ތިން ވަނަ ޑޯޒް ޖެހުން ކުރިއަށް ދާނީ އާދަޔާއި ހިލާފު ބާރުމިނެއްގައި ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އަށް ދުވަސް ތެރޭގައި 1.5 މިލިއަން މީހުންނަށް ވެކްސިންގެ ތިން ވަނަ ޑޯޒެއް ދިނުން ކަމަށް ބެނެޓް ބުންޏެވެ.

އިސްރާއީލުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އިއްޔެ ވެސް އެގައުމުން 2424 މީހުން ކޮވިޑަށް ފައްސިވިއެވެ. އިއްޔެ އަކީ މިހާތަނަށް އިސްރާއީލުން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. މިދިޔަ ހަފްތާ އާއި ބަލާއިރު މިހަފްތާގައި އިސްރާއީލުން ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް ވަނީ %67 އިތުރުވެފައެވެ.

އިސްރާއީލުން ކޮވިޑް ވެކްސިންގެ އެއްޑޯޒް ޖެހި މީހުންގެ ނިސްބަތް މިހާރު %63.8 އަށް އަރައެވެ. ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ނިސްބަތް ހުރީ %59.3 ގައެވެ.

އިސްރާއީލް ސަރުކާރުން ބުނާ ގޮތުގައި އެގައުމުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރަން އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުމެއް މިހާރު ނެތެވެ. ސަބަބަކީ ބަލި ކޮންޓްރޯލް ކުރެވެން އޮތީ ވެކްސިން ދީގެން ކަމަށް ވާތީ ކަމަށާއި އިސްކަން ދެނީ ވީއެންމެ އަވަހަކަށް ގިނަ ބަޔަކަށް ވެކްސިން ދިނުމަށް ކަމަށް އިސްރާއީލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ....

    އެކަމަކު ކޮވިޑް ކޮންޓްރޯލް ކުރަން އޮތް ހަމަ އެކަނި ގޮތަކީ ވެކްސިން ޖެހުމޭ ކިޔާ އަޑުވެސް އަހަން...ހަމަ މި ނޫހުން ވެސް ފެނޭ އެހެން ކިޔާ މީހުން ވާ ވައްދާތަން....