ތުރުކީވިލާތުގެ ދެޖަންގައްޔެއްގައި މިހާރު ރޯވެ އަނދަމުންދާ އަލިފާންގަނޑު އަދިވެސް އިތުރަށް ފެތުރެމުން އަންނާތީ އަލިފާންގަނޑު ފެތުރެމުން އަންނަ ސަރަހައްދުގައި ކާރިސާގެ ހާލަތު އިއުލާންކޮށްފިއެވެ.

ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދޮޣާން ކާރިސާގެ ހާލަތު އިއުލާން ކުރިއިރު އަލިފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ހައަކަށް އަރާފައެވެ.

ތުރުކީވިލާތުގެ އެގްރިކަލްޗާ އެންޑް ފްރެސްޓްރީ މިނިސްޓަރ ބެކީރު ޕަކްޑެމިރްލީ ވިދާޅުވީ މިހާތަނަށް ޖުމްލަ 98 އަލިފާންގަނޑެއް ދެޖަންގަލީގައި ރޯވެފައިވާ ކަމަށެވެ. އެއަލިފާންގަނޑުތައް އެއްއަލިފާންގަނޑު އަނެއް އަލިފާންގަނޑާއި ގުޅި، ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. ގަދަ ހޫނާއި ގަދަ ވައިގެ ސަބަބުން އަލިފާންގަނޑުތައް ކޮންޓްރޯލް ކުރަން ވަނީ ހުރަސް އެޅިފައެވެ.

އަލިފާނުގެ ހާދިސާގައި މަރުވި ހަމީހުންގެ ތެރެއިން ފަސް މީހުން މަރުވީ މަނަގަޓް ނަމަކަށް ކިޔާ އަވަށުންނެވެ. ހަވަނަ މީހާ މަރުވެފައި ވަނީ މާމަރިސް ނަމަކަށް ކިޔާ އަވަށުންނެވެ. މިދެއަވަހަށަކީ ވެސް މެޑިޓަރޭނިއަމް ކަނޑުގެ އައްސޭރީގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލް ދެމަންޒިލެވެ.

އަލިފާނުގެ އަސަރު ކޮށްގެން ގިނަ ބަޔަކަށް ވަނީ ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ. މަނަގަޓް ސަރަހައްދުން އަލިފާނުގެ އަސަރު ކުރި މީހުންގެ ތެރެއިން 400 މީހަކަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އެސަރަހައްދުން އަލިފާނުގެ އަސަރު ކުރި ދިހަ މީހަކަށް މިހާރު ވެސް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މާމަރިސް ސަރަހައްދުން އަލިފާނުގެ އަސަރު ކުރި މީހުންގެ ތެރެއިން 159 މީހަކަށް ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފައެވެ. އެސަރަހައްދުން އަލިފާނުގެ އަސަރު ކުރި މީހަކަށް މިހާރު ވެސް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

އަލިފާންގަނޑު މީހުން ދިރިއުޅޭ ސަރަހައްދެއް ކަމަށްވާ ހަޓޭ ޕްރޮވިންސަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ވެސް އިއްޔެ ހީވިއެވެ. ނަމަވެސް އެއަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދަށް އުރުދޮޣާން އިއްޔެ ވަނީ ހެލިކޮޕްޓަރެއްގައި ޒިޔާރަތް ކުރައްވާ އެސަރަހައްދު ބައްލަވާ ލައްވާފައެވެ. އެދަތުރުފުޅަށް ފަހު އުރުދޮޣާން ވިދާޅުވީ އަލިފާނުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި އަލިފާނުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ބަދަލު ދެއްވާނެ ކަމަށް ވެސް އުރުދޮޣާން ވިދާޅުވިއެވެ.