ކޮވިޑް-19 ހާލަތު އެންމެ ބޮޑަށް ގޯސްވެފައި އޮތް އެއްގައުމު ކަމަށްވާ މެކްސިކޯ އިން ކޮވިޑް ޖެހިގެން އިތުރު 450 މީހުން މަރުވެއްޖެއެވެ.

މެކްސިކޯ އިން މިއަދު ވަނީ 18809 މީހަކު ކޮވިޑަށް ފައްސިވެފައެވެ. މެކްސިކޯ އިން ކޮވިޑަށް ފައްސިވާ މީހުންނާއި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު މެއި މަހު ވަރަށް ބޮޑަށް މަދުވުމަށް ފަހު އަނެއްކާ މިހާރު ދަނީ ހާލަތު ގޯސްވަމުންނެވެ. މިހާރު އެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ ފާއިތުވި ދެތިން މަސް ދުވަހާއި އަޅައި ބަލާއިރު ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ.

މެކްސިކޯއަށް ކޮވިޑްގެ ތިން ވަނަ ރާޅެއް މިހާރު އަރާފައި ވާއިރު އެގައުމުގެ ހޮސްޕިޓަލްތަކަށް ވަނީ ބާރުބޮޑުވެފައެވެ. ބައެއް ހޮސްޕިޓަލްތަކުގެ ޖާގަތައް ފުރިގެން މިހާރު ބަލި މީހުން އިތުރަށް އެޑްމިޓް ކުރެވެން ނެތް ކަމަށް އޮފިޝަލުން ބުނެއެވެ.

ނަމަވެސް މެކްސިކޯ ސަރުކާރުން ބުނީ މުޅި ގައުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަދި ހޮސްޕިޓަލްތައް ނުފުރޭ ކަމަށެވެ. މެކްސިކޯ ސަރުކާރުން ބުނާ ގޮތުގައި މިހާރު ހޮސްޕިޓަލްތަކުން ހިދުމަތް ދެމުން ގެންދަނީ %44 ކެޕޭސިޓީގައެވެ. ނަމަވެސް ހާލަތު އިތުރަށް ގޯސްވަމުން ދާނަމަ ހޮސްޕިޓަލްތައް ފުރިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.

މެކްސިކޯގެ ހާލަތު ގޯސްވަމުން ދިޔަ ނަމަވެސް އިތުރު ފިޔަވަޅުތަކެއް ބަލި ކޮންޓްރޯލް ކުރުމަށް އެޅުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުން ބުނާ ގޮތުގައި ގިނަ ބަޔަކަށް ވެކްސިން ދެވުމުން ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތެވެ.

ނަމަވެސް 126 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެކްސިކޯގައި އަދި ކޮވިޑް ވެކްސިން ދެވުނީ އެންމެ %25 މީހުންނަށެވެ. ވެކްސިން ދީގެން ކޮވިޑް ކޮންޓްރޯލް ކުރަން އަދި އެތައް ދުވަހެއް ނަގާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މެކްސިކޯ އިން މިހާތަނަށް 2.8 މިލިއަން މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ. އެގައުމުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު 240,906 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު