ކޮވިޑް-19 ބަލީގައި މަރުވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުންދާ އިރު މިޔަންމާގައި އެ ގައުމުގެ އަސްކަރީ ސަރުކާރުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކޮވިޑް ބޭނުންކުރާ ކަމުގެ ތުހުމަތު އެ ގައުމުގެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި އެގައުމުގެ ރައްޔިތުން ކުރަން ފަށައިފިއެވެ.

އޭޝިއާގެ ދެކުނުން އިރުގައިވާ ގައުމުތަކުގެ ތެރެއިން ކޮވިޑުގެ ހާލަތު އެންމެ ގޯސް އެއް ގައުމުގެ ގޮތުގައި މިޔަންމާ ވަނީ ހިމެނިފައެވެ. އަދި ހަމައެއާއެކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި ބޮޑުވަރުވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭން ޖެހޭ މީހުން ގިނަވެ އެ ގައުމުގެ ސިއްހީ ނިޒާމުވެސް ވަނީ ވަރަށް ބޮޑަށް ބޮއްސުން ލައިގެން ގޮސްފައެވެ.

މިހާރު އެ ގައުމުގައި ބަލި މީހުންނަށް ފަރުވާ ދޭން ބޭނުންކުރާ މެޑިކަލް އޮކްސިޖަން ހުސްވެ، އަމިއްލަ ފަރާތްތަކުން އޮކްސިޖަން ވިއްކުން ވެސް ވަނީ މަނާކޮށްފައެވެ. އަމިއްލަ ފަރާތްތަކަށް އޮކްސިޖަން ވިއްކުން މަނާކޮށް މިލިޓަރީ އާއި ސަރުކާރަށް ތާއީދުކުރާ މީހުންނަށް ފައިދާވާނެހެން އޮކްސިޖަން ބަހަމުން ގެންދާ ކަމުގެ ތުހުމަތު އެގައުމުގެ ރައްޔިތުން އަންނަނީ ކުރަމުންނެވެ.

މިޔަންމާގެ އިންސާނީ ހައްގުތަކާ ބެހޭ ކުރީގެ ތަޖުރިބާކާރު އަދި ސްޕެޝަލް އެޑްވައިޒަރީ ގްރޫޕްގެ މެމްބަރު ހަންގް ލީ ވިދާޅުވީ ސަރުކާރުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް އަދި މާސްކު ވެސް ދިނުން ހުއްޓާލައި، ޑިމޮކްރަސީއަށް ތާއިދުކުރާކަމަށް ޝައްކުކުރެވޭ އެއްވެސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށް ލިބިދޭ ފުރުސަތު ހަނިކުރަމުންދާ ކަމަށެވެ. އަދި އެ ހަރަކާތަށް ތާއީދުކުރާ ޑޮކްޓަރުންވެސް އަންނަނީ ހައްޔަރުކުރަމުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުން އެކުލަވާލައިފައިވާ މި އުސޫލުތަކާއި، އަމަލުކުރަމުންދާ ހަރުކަށި ގަވާއިދުތަކުގެ ސަބަބުން އެކަށީގެންވާ ފަރުވާ ނުލިބި ގިނަ ބަޔަކު އެގައުމުން ކޮވިޑް ބަލީގައި މަރުވަމުންދާކަން ރައްޔިތުން ފާހަގަ ކޮށްފައިވެއެވެ. އެގައުމުގައި ކޮވިޑް ބަލީގައި މަރުވިކަމަށް ރިޕޯޓު ކޮށްފައިވާ އަދަދަށް ވުރެ އަސްލަށް ބަލީގައި މަރުވެފައިވާ މީހުން ގިނަވާނެ ކަމަށް އިންސާނީ ހައްގުތައް ހޯދުމަށް ވަކާލާތުކުރާ ގުރޫޕުތަކުން ބުނެއެވެ.

މިޔަންމާގެ ސަރުކާރުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާއިރު މި ތުހުމަތުތަކަށް އެއްވެސް ރައްދެއް އަދި އެ ސަރުކާރުން ދީފައެއް ނުވެއެވެ.