ކޮވިޑް-19 އަށް މީގެ ކުރިން ވެސް އެންމެ ގިނަ ބަޔަކު ފައްސިވެ، ހާލަތު އެންމެ ބޮޑަށް ގޯސްވި އެއްގައުމު ކަމަށްވާ އީރާންގެ ހާލަތު އަނެއްކާވެސް ގޯސްވެ، ގައުމު ފުރަބަންދު ކުރާހިސާބަށް ހިނގައްޖެއެވެ.

އީރާންގެ ހެލްތު މިނިސްޓަރު ސައީދު ނަމަކީ ވަނީ އީރާން ދެހަފްތާ ދުވަހަށް ފުރަބަންދުކޮށް، ފުރަބަންދު ތަންފީޒު ކުރުމަށް ސިފައިން ނެރުމަށް އެދިވަޑައިގެން އެގައުމުގެ އިންތިހާބީ ރައީސް އިބްރާހިމް ރައިސީ އަށާއި ރޫހާނީ ލީޑަރު އަލީ ހާމަނާއީއަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ. އީރާންގެ ރައީސް ކަމާއި އިބްރާހިމް ރައިސީ ހަވާލުވެ ވަޑައިގަންނަވާނީ އަންނަ ހަފްތާގައެވެ.

ހެލްތު މިނިސްޓަރު ސައީދު ފޮނުއްވި ސިޓީގައި ވިދާޅުވީ އީރާންގެ ހާލަތު ކޮންޓްރޯލުން ނައްޓާލަމުންދާ ކަމަށާއި މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާ ނިސްބަތައް ބަލާއިރު ހޮސްޕިޓަލްތައް ފުރި، ބަލި މީހުންނަށް ފަރުވާ ދިނުން ދަތިވާ ހިސާބަށް ކަންކަން ހިނގައިދާނެ ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ ސިއްހީ ހިދުމަތްތެރިން އެކަށީގެންވާ ވަރަށް ނެތުން. އަދަދުތައް މައްޗަށް ގޮސް ސިއްހީ ހިދުމަތްތެރިން އެއްވެސް އަރާމެއް ނެތި، ނިދުމެއް ނެތި ވަނީ މަސައްކަތް ކުރަން ޖެހިފައި. މިއީ އެއްވެސް މީހަކަށް ކުޅަދާނަ ވާނެ ކަމެއް ނޫން." ސައީދުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އީރާނުން މިހާރު ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ 30000 އަށްވުރެ މައްޗަށް ގޮސްފައެވެ. މީގެ ކުރިން އީރާންގެ ހާލަތު އެންމެ ބޮޑަށް ގޯސްވެގެން ދިޔައިރު ވެސް އެގައުމުން ދުވާލަކު ފައްސިވާ މީހުންގެ އަދަދު 25000 އަށްވުރެ މައްޗަށް ނުދެއެވެ.

އީރާނުން އިއްޔެ 32,511 މީހުން ކޮވިޑަށް ފައްސިވެ 366 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ. އީރާނުން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 3.9 މިލިއަނަށް އަރައެވެ. އެގައުމުން މިހާތަނަށް 90,996 މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.