ފައިޒާ އާއި މޮޑާނާ ވެކްސިން ގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހަދާފައިވާ ކޮންޓްރެކްޓުގައި ވެކްސިންގެ އަގު ކުރިޔަށް ވުރެ އުފުލިފައިވާ ކަމަށް ފައިނޭންޝިއަލް ޓައިމްސްއިން ރިޕޯޓު ކޮށްފިއެވެ.

ފައިޒާ ވެކްސިން މީގެ ކުރިން 18.39 ޑޮލަރަށް ލިބުން ކަމުގައި ވިޔަސް އީޔޫގެ އެންމެ ފަހު ކޮންޓްރެކްޓުގައި ވެކްސިން ލިބިފައިވާ އަގަކީ 23.15 ޑޮލަރެެވެ. މިއާއި އެކު މީގެ ކުރިން 22.60 ޑޮލަރަށް ލިބުން މޮޑާނަ ވެކްސިންގެ އަގުވެސް ވަނީ 25.50 ޑޮލަރަށް އުފުލިފައެވެ. ފައިނޭންޝިއަލް ޓައިމްސްއިން ބުނެފައިވަނީ ގަނޑުކޮށް ވެކްސިން ގަންނަން އެދިފައިވުމުން މޮޑާނަ ވެކްސިނުން ވަނީ ޑިސްކައުންޓެއް ދީފައިކަމަށެވެ. ޓިސްކައުންޓެއް ނެތި ވެކްސިން ވިއްކާ އަގަކީ 28.50 ޑޮލަރެވެ.

ވެކްސިންގެ އަގު ބޮޑުކޮށްފައިވަނީ ޔޫރަޕުގެ ގައުމުތަކުގައި ނުރައްކާތެރި ޑެލްޓާ ވޭރިއެންޓް ފެތުރެމުންދާތީ، ވައިރަހުން ދިފާއުވުމުގެ ގޮތުން ގިނަ ބަޔަކު ވެކްސިން ޖެހުމަށް ބޭނުންވެ ވެކްސިނަށް ކުރާ ޑިމާންޑް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ އަންގާރަ ދުވަހު ޔޫރަޕިއަން ކޮމިޝަނުން ބުނީ އީޔޫއިން އަމާޒުކޮށްފައިވަނީ އަންނަ މަސް ނިމުމުގެ ކުރިން ވެކްސިން ޖެހޭ އުމުރުފުރައިގެ 70 އިންސައްތަ މީހުންނަށް ވެކްސިން ޖަހައި ފުރިހަމަ ކުރުމަށް ކަމަށެވެ. މިދިޔަ މޭ މަހު އީޔޫއިން ވަނީ ބިލިއަން ޑޯޒް އަށް ވުރެ ގިނައިން ވެކްސިން ލިބޭނެކަން ހާމަކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ މުއްސަނދި ގައުމުތަކުގައި ބޫސްޓާ ޝޮޓް ދިނުމުގެ ބަދަލުގައި ފުދުންތެރިކަން ނެތް ގައުމުތަކާއި، އާބާދީގެ ކުޑަ އިންސައްތައެއް ވެކްސިން ޖަހާފައިވާ ގައުމުތަކުގައި ވެކްސިންގެ ޑޯޒް ހަމަކުރަން ވެކްސިން ހަދިޔާކުރަން އެދިފައެވެ.

ނަމަވެސް ޔޫރަޕްގެ ގިނަ ގައުމުތަކުން ފަގީރު ގައުމުތަކަށް ވެކްސިން ހަދިޔާއެއް ނުކުރެއެވެ. މިހާރު ބައެއް ގައުމުތަކުން ވަނީ ތިން ވަނަ ޑޯޒެއް ޖެހުމަށް ބޭނުންވާ ވެކްސިން ވެސް ގަތުމުގެ މަސައްކަތް ފަށާފައެވެ.