ތުރުކީވިލާތުގެ އައްސޭރިފަށުގައި އޮންނަ ބައެއް އަވަށްތަކުގައި މިދިޔަ ހަފްތާގައި ރޯވި އަލިފާންގަނޑުގެ އަސަރު މިހާރު ގްރީސް އާއި އިޓަލީވިލާތުގެ އައްސޭރިފަށުގެ ރިސޯޓްތަކަށް ވެސް ކުރަން ފަށައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ގްރީސްގެ އައްސޭރިފަށުގައި މިހާރު ކޮންމެވެސް ވަރަކަށް އަލިފާން ރޯވެފައި ވާއިރު އިޓަލީވިލާތުގެ އައްސޭރިފަށުގެ ރިސޯޓްތަކަށް ދަނީ ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ. ދުމުގެ އަސަރު ކުރަމުން ދާތީ ގްރީސް އާއި އިޓަލީވިލާތުގެ އައްސޭރިފަށުގައި ހުންނަ ރިސޯޓްތަކުން ފަތުރުވެރިން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ތުރުކީވިލާތުން ވެސް ވަނީ އެގައުމުގެ މީހުންނާއި އަދި ފަތުރުވެރިން ވެސް ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރަމުންނެވެ. އަލިފާން ރޯވެފައިވާ ސަރަހައްދުތަކާއި ދިމާލުން ކަނޑުމައްޗަށް މިހާރު ތުރުކީވިލާތު ސިފައިންގެ ގިނަ އަދަދެއްގެ މަނަވަރުތައް ވަނީ ކައިރިކޮށްފައެވެ. އަދި އަލިފާން ރޯވެފައިވާ އަވަށްތަކުގެ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

އަލިފާނުގެ ސަބަބުން ތުރުކީވިލާތުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ އަށަކަށް އަރާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމަށް ލިބުނު ގެއްލުމުން އަރައިގަތުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ތުރުކީވިލާތާއި ގްރީސް އަދި އިޓަލީވިލާތުގައި ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލް ސަރަހައްދުތަކުގެ ހާލަތު ގޯސްވުމަކީ އެގައުމުތަކުގެ އިގްތިޞާދަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކަށާއި އެފްރިކާގެ ބައެއް ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އަލިފާން ރޯވުމުގެ އިތުރުން ހޫނު ގަދަވުމުގެ ސަބަބުން ވެސް މީހުން އަންނަނީ މަރުވަމުންނެވެ.