އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ހަގުރާމައަކަށް ދާން މިއޮތީ ތައްޔާރަށް ކަމަށާއި އެ ދެގައުމުން އައިސްދާނެ ހަމަލާއަކަށް މިއޮތީ ބަލަ ބަލައި ކަމަށް އީރާނުގެ ލީޑަރު ހާމަނާއިގެ އަސްކަރީ އިސް ތަރުޖަމާނު ވިދާޅުވެެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު އީރާންގައި ބޭއްވި ބޮޑު އެއްވުމެއްގައި ވާހަކަ ދައްކަވަމުން މޭޖަރ ޖެނެރަލް ޔަހްޔާ ރާހިމް ސަފާވީ ވިދާޅުވީ އިސްރާއީލާއި އެމެރިކާއިން އައިސްދާނެ އަސްކަރީ ހަމަލައަކަށް އެގައުމުގެ ސިފައިން ތިބީ ފުރިހަމަ ތައްޔާރީ ހާލަތުގައި ކަމަށެވެ.

މެދުއިރުމަތީގެ ހަމަޖެހުން ނަގާލަނީ އިސްރާއީލުން ކަމަށް ބުނެ އީރާނުން ވަނީ އެމެރިކާއާއި އިސްރާއީލާ ދެކޮޅަަށް ހަނގުރާމައަށް ނިކުންނަން ފަސް ނުޖެހޭނެ ކަމަށް ބުނެފައެވެ.

"މި ޒަޔަނިސްޓުން އެމީހުންގެ އެއްވެސް އިންސާފެއްނެތް ދައުވާތައް ގެންދަނީ ތަކުރާރު ކުރަމުން. މިއީ ބައިނަލްއަގްވާމީ އެއްވެސް ގާނޫނަކަށް ބޯލަނބާ ބައެއްނޫން" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތްލު އާންމުތަކުގެ ފަހަތުގައި އޮންނަނީ ވެސް އެމެރިކާކަމަށެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވިފަހުން އީރާނާއި އެމެރިކާއާ ދެމެދު ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އިސްރާއީލު ގެންދަނީ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ އެޤައުމަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވީ އީރާނާއެކު ވެފައިވާ ނިއުކިލިއާ އެއްބަސްވުމަކީ އޭނާ މިހާތަނަށް ދެކެވަޑައިގެންނެވީ "އެންމެ ގޯސް އެއްބަސްވުން" ކަމަށެވެ.

އަރަބި ގައުމުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް މިސައިލް ފޯރުކޮށްދޭ ގައުމުގެ ގޮތުގައި އެމެރިކާ އާއި ހުޅަނގުގެ ގިނަ ގައުމުތަކުން ތުހުމަތު ކުރާ އިރު އީރާންގެ ލީޑަރު ރޫހާނީ ވިދާޅުވީ އަމިއްލަ އުފެއްދުންތެރިކަމުގެ މައްޗަށް ބަރޯސާވާ ގައުމުތަކަށް ފުރިހަމަ ބާރާއި އަމިއްލަ އިސްތިގްލާލެއް އޮތްކަން އޭގެ ހަގީގީ މާނައިގައި އިހްސާސް ކުރެވެން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަޤީރު ކަލޯ!

    ﷲ އަށް ޙަމްދުކުރަން! ހާސްހާސް ފަށުން ﷲ އަށް ޝުކުރުހުރި!

  2. ޙާބީ

    ތީ އުފާވެރި ޚަބަރެއް. ތި މަންޒަރު އަހަރެން ބަލަން ބޭނުމީ.