ޔޫރަޕްގެ ގިނަ ޤައުމުތަކުގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގައި މުދަލާއި ގަސްތަކަށް އަންދާޒާ ނުކުރެވޭމިންވަރަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ކުރިޔަށް އޮތް ހަފްތާގައިވެސް އަލިފާނުގެ ހާދިސާތައް ހިނގާފާނެ ކަމުގެ އިންޒާރުދެމުންދާއިރު މިހާރު އަލިފާނުގެ ގިނަ ހާދިސާތައް ހިނގަނީ ހޫނުވުމުގެ ސަބަބުންނެވެ.

އަލިފާނުގެ ހާދިސާތަކުގައި އެންމެ ބޮޑަށް ގެއްލުންލިބުނު އެއްޤައުމުގެ ގޮތުގައި ތުރުކީ ހިމެނޭއިރު އެޤައުމުން މިހާތަނަށް ހަދުވަސްތެރޭހައި އަށް މީހުން ވަނީ އަލިފާނުގެ ސަބަބުން މަރުވެފަ އެވެ. ޖަންގަލިތަކުގެ ބޮޑު ސަރަހައްދެއް އަނދައި އަޅިއަށް ވެފައިވާއިރު އެތައް ހާސް ބަޔަކު އެމީހުންގެ ގެތަކުން ރައްކާތެރި ސަރަހައްދުތަކަށް ދާން ވަނީ މަޖުބޫރުވެފައެވެ.

ގްރީސްގެ ޖަންގަލީގައި އަލިފާން ނިއްވުމުގައި މަސައްކަތްކުރާ މަންޒަރު

ގްރީސްގެ އެކި ހިސާބުތަކުގައިވެސް އަލިފާނުގެ ހާދިސާތައް ހިނގަމުންދާއިރު ގިނަޢަދަދެއްގެ ބަޔަކަށް ވަނީ އެކިވަރުގެ ގެއްލުންތައްވެސް ލިބިފަ އެވެ. އަލިފާނުގައި ގިނަ ގެތައް އަނދާފައިވާއިރު ގިނަބަޔަކު ވަނީ މަގުމަތިވެފަ އެވެ.

އިޓަލީގައި މީހުން ދިރިއުޅޭ ހިސާބުތަކުގައި އަލިފާން ރޯވެފައި
ފޮޓޯ: ގޫގުލް

މީޑިޔާ އަށް މައުލޫމާތުދެމުން ގްރީސްގެ ބޮޑުވަޒީރު ކައިރިޔާކޮސް މިޓްސޮޓަކިސް ބުނީ 1987 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެޤައުމަށް އެންމެ ހޫނުގަދަވީ މިއަހަރު ކަމަށެވެ.

ސިސިލީގައި އަލިފާނުގެ ހާދިސާ ހިނގައި ބޮޑު ސަރަހައްދެއް އަނދައި އަޅިއަށް ވެފައި

ތުރުކީގައި ރޯވެފައިވާ ބައެއް އަލިފާންގަނޑުތަކަކީ އިންސާނުން ރޯކޮށްފައިވާ އަލިފާންތައް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިދާއި އެޤައުމުގެ ރައީސް ވެސް ވަނީ އިންސާނުންވެސް ރޯކޮށްފައިވާ އަލިފާންގަނޑުތައް ހުރިކަމަށް ވިދާޅުވެފަ އެވެ.

އިޓަލީވިލާތާއި، ފަރަންސޭސިވިލާތުގައި ވެސް މިހާރު ވަނީ އަލިފާން ރޯވާން ފަށާފައެވެ.

ދުނިޔެއަށް މިހާރު އަންނަމުންދާ މޫސިމީ ބަދަލުތަކަކީ 'ގްލޯބަލް ވާމިން' ނުވަތަ ދުނިޔެ ހޫނުވުމުގެ ސަބަބުން އަންނަ ބަދަލުތައް ކަމަށް ސައިންސުވެރިން އަންނަނީ ބުނަމުންނެވެ. މީގެ މަހެއްހާ ދުވަސްކުރިން ސައިންސުވެރިން ވަނީ ދުނިޔެ ހޫނުވުމުގެ ވާހަކަތައް ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށްވެސް ގެނެސްފަ އެވެ.