އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް މިއަހަރުގެ ޖަނަވަރީ 06 ވަނަ ދުވަހު އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރި ފުލުހުންގެ ތެރެއިން ހަތަރު ފުލުހަކު މިހާތަނަށް އެކިދުވަސް މަތިން ކުއްލިއަކަށް މަރުވެފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފިއެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުން މައުލޫމާތުދޭ ގޮތުގައި ހަތަރު ފުލުހުން ވެސް އެކި ދުވަސްމަތިން މަރުވެފައި ވަނީ އަމިއްލައަށެވެ. ހަތަރު މަރުގައި ވެސް ތުހުމަތު ކުރެވޭ އިތުރު ކަންތައްތަކެއް ނެތް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމެރިކާގެ ބައެއް ފަރާތްތަކުން އަންނަނީ ހަތަރު ފުލުހަކު މަރުވި ހާދިސާ އާއި ގުޅިގެން ސުވާލު އުފައްދަމުންނެވެ.

ހަތަރު ފުލުހުންގެ ތެރެއިން އެންމެ ފަހުން މަރުވީ ގަންތާ ހަޝިޑާ ނަމަކަށް ކިޔާ އޮފިސަރެކެވެ. އެމަޖެންސީ ރެސްޕޯންސް ޓީމްގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުންއައި ގަންތާ މަރުވެފައި ވަނީ ޖުލައި މަހުގެ 29 ވަނަ ދުވަހު އެވެ. އޭގެ ކުރިން ޖުލައި 10 ވަނަ ދުވަހު ކެލީ ނަމަކަށް ކިިޔާ ފުލުހަކު މަރުވިއެވެ. އޭގެ ކުރިން މަރުވި ދެފުލުހުންގެ ތެރެއިން އެކަކީ 12 އަހަރު ވަންދެން އެމެރިކާގެ ސިފައިންގެ ތެރޭގައި މަސައްކަތް ކޮށްފައި ހުރި މީހެކެވެ. އަނެއް އޮފިސަރަކީ ކެޕިޓަލްގެ ސެކިއުރިޓީ ބެލެހެއްޓުމުގައި 16 އަހަރު ވަންދެން މަސައްކަތް ކޮށްފައި ހުރި މީހެކެވެ. އޭނާ އަކީ ވެސް ކުރިން އެމެރިކާ ސިފައިންގެ ތެރޭގައި މަސައްކަތް ކުރި މީހެކެވެ.

މިހަތަރު ފުލުހުންގެ އިތުރުން ކެޕިޓަލްގެ ހަމަނުޖެހުން ހުއްޓުވަން އުޅުނު އިތުރު ފުލުހަކު ސްޓްރޯކެއް ޖެހިގެން ވެސް އޭޕްރީލް މަހު މަރުވެފައި ވެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތައް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 550 މީހެއްގެ މައްޗަށް މިހާތަނަށް ވަނީ ދައުވާ އުފުލާފައެވެ.

ހައުސްގެ ހާއްސަ ކޮމެޓީއަކުން ވެސް ގެންދަނީ ގާނޫނު ހަދާ މަޖިލީހަށް ޓްރަމްޕްގެ ސަޕޯޓަރުން ވަން މައްސަލަ ތަހްގީގު ކުރަމުންނެވެ.