ޗައިނާގެ ވޫހާން ސިޓީގެ ހުރިހާ ރައްޔިތުން ކޮވިޑް-19 އަށް ޓެސްޓު ކުރާނެ ކަމަށް އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއްޖެއެވެ.

ޑިސެމްބަރު 2019 ގައި ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެނުނު ކޮވިޑް-19 ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވަނީ ފެތުރިފައެވެ. މިހާތަނަށް އައިއިރު، އެ ބަލި 199 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހި، ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ވޫހާން ސިޓީގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ސިޓީގެ ހުރިހާ ރައްޔިތުން ކޮވިޑަށް ޓެސްޓުކުރަން ހަމަޖެހިފައިވާ ކަމަށެވެ. ވޫހާން ސިޓީގެ މަސް ވިއްކާ މާރުކޭޓަކުން ފެނުނު ކޮވިޑް-19 ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކަށް މިހާރު ވަނީ ފެތުރިފައެވެ.

ވޫހާން ސިޓީގެ އާބާދީގައި 11 މިލިއަނަށްވުރެ ގިނަ މީހުން އުޅޭއިރު ކޮވިޑް ފެތުރި އެ ސިޓީއިންވެސް އެތައް ހާސް ބަޔަކު މަރުވިއެވެ. ޗައިނާ ސަރުކާރުން ވުހާން ސިޓީގައި ފެތުރެމުން ދިޔަ ވައިރަސް ކޮންޓްރޯލް ކުރުމަށް ސިޓީގެ ހުރިހާ ދަތުރުކުރުމުގެ ދޮރުތައް ބަންދުކުރިއެވެ.

ޗައިނާގެ ބޮޑެތި ސިޓީތައް ކަމަށްވާ ބެއިޖިން ފަދަ ސިޓީތަކުންވެސް ކޮވިޑްގެ އާ ވޭރިއެންޓު ފެނި އެތައް ބަޔަކު އެކަހެރިކޮށްފައި ވެއެވެ. އަދި އެތައް ސަތޭކަ ބަޔަކު ދަނީ މަރުވަމުންނެވެ.

މުޅި ދުނިޔެއަށް ކޮވިޑް ފެތުރިފައިވާއިރު މިހާރު ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 199,611,794 އަށް އަރައިފައެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 4,249,322 އަރާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު 180,101,722 އަށް އަރައެވެ.

އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވާ ގައުމުތަކަކީ އެމެރިކާ، އިންޑިއާ، ބްރެޒިލް، ރަޝިއާ، ފްރާންސް އަދި އިނގިރޭސި ވިލާތެވެ. މި ގައުމުތަކުން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދުވެސް އިތުރުކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު