ކޮވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައިވާ ޓީޗަރަކަށް ނޫނީ އެމެރިކާގެ ނިއުޔޯކްގެ ސްކޫލްތަކަށް ވަނުން މަނާކުރަން ނިއުޔޯކްގެ ގަވަރުނަރު ކޫމޯ ކުރައްވަމުން ގެންދަވާ މަސައްކަތާއި ދެކޮޅުކަން ނިއުޔޯކްގެ ޓީޗަރުންގެ ޔޫނިއަނުން ހާމަކޮށްފިއެވެ.

ގަވަރުނަރު ކޫމޯ ވަނީ ހުރިހާ ސްކޫލްތަކަކަށް ވެސް ވަދެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ޓީޗަރުންނަށްކަން ކަނޑައަޅަން ޑިސްޓްރިކްޓް އޮފީސްތަކަށް އަންގަވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި ޓީޗަރުންނަށް އޮތީ ދެގޮތެކެވެ. އެއްގޮތަކީ ވެކްސިން ފުރިހަމަ ކުރުމެވެ. ދެވަނަ ގޮތަކީ ކޮންމެ ހަފްތާއަކު އެއްފަހަރު ކޮވިޑަށް ޓެސްޓް ކުރުމެވެ.

ނިއުޔޯކްގެ އެންމެ ބޮޑު ޔޫނިއަން ކަމަށްވާ ޓީޗާސް ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިން ޖެހުން ޓީޗަރުންނަށް މަޖުބޫރު ކުރުން އެއީ އެމެރިކާ އިން ވެކްސިނާއި ގުޅިގެން އެކުލަވާލާފައި އޮތް ސިޔާސަތާއި ވެސް ދެކޮޅު ކަމެއް ކަމަށެވެ. ކޮވިޑް-19 ވެކްސިން ޖެހުމަށް ބާރުއަޅަންވާނެ ކަމަށާއި ނަމަވެސް ވެކްސިން ޖެހުން މަޖުބޫރު ނުކުރެވޭނެ ކަމަށް ޔޫނިއަންގެ ބަޔާނުގައި ބުނެފައިވެއެވެ.

"ވެކްސިން ޖެހުމަށް އަޅުގަނޑުމެން ތާއިދު ކުރަމެވެ. އަދި ވެކްސިން ޖެހުމުގެ އިންތިޒާމްތައް ފަސޭހައިން ހަމަޖެއްސުމަށް ވެސް ގޮވާލަމެވެ. ނަމަވެސް ވެކްސިން ޖެހުން އެއީ މަޖުބޫރު ކަމެއްގެ ގޮތުގައި ބޭއްވިގެން ނުވާނެއެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ކޫމޯ ވަނީ ނިއުޔޯކްގެ ހުރިހާ ސަރުކާރު މުވައްޒަފުން ވެސް ވެކްސިން ޖެހުން މަޖުބޫރު ވާނެ ކަމަށް މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ. ނުވަތަ ގަވައިދުން ހުރިހާ މުވައްޒަފުން ވެސް ކޮވިޑަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ވެކްސިން ފުރިހަމަ ނުކޮށް ސްކޫލްތަކަށް ޓީޗަރުންނަށް ނުވަދެވޭނެ ކަމަށް ކަނޑައެޅުމަށް ފަހު ވެކްސިން ފުރިހަމަ ކުރުމަށް ޓީޗަރުންނަށް އެއްމަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ކޫމޯ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ބައެއް ހޮސްޕިޓަލްތަކުން ވެސް އަންނަނީ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް އަންގަމުންނެވެ. ވެކްސިން ފުރިހަމަ ނުކޮށްގެން ބައެއް މުވައްޒަފުން މިހާރު ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފައެވެ.