ޖަރުމަނުގައި ޑެލްޓާ ވޭރިއެންޓް ފެތުރި ބިރުވެރިކަން އިތުރުވެފައިވަނިކޮށް ވައިރަހުން ދިފާއުވުމުގެ ގޮތުން އަންނަ މަހުން ފެށިގެން އެ ގައުމުގައި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ދޭން ފަށާނެ ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

މި ގޮތަށް އަމަލުކުރަން ނިންމާފައިވަނީ ހެލްތް މިނިސްޓަރު ޖެންސް ސްޕާން އާއި 16 މީހުންގެ ޓީމަކުން ބަލި ޖެހުމުގެ ރިސްކް އޮތް މީހުންނަށް ވެކްސިންގެ ބޫސްޓާ ޑޯޒެއް ދިނުމާއި، ދަށްވަމުންދާ އިމިއުން ރެސްޕޮންސްއާ ގުޅިގެން މިދިޔަ ހޯމަ ދުވަހު މަޝްވަރާ ކުރުމަށް ފަހުއެވެ.

ދިފާއީ ބާރު ދަށްވެފައިވާ މީހުންނާއި ޑޮކްޓަރުންނަށް ބޫސްޓާ ޑޯޒް ޖެހޭނެއެވެ. އަދި ބޫސްޓާ ޑޯޒް ޖެހޭނެކަމަށް ބުނެފައިވަނީ އެސްޓްރަޒެނަކަ ވެކްސިން ޖަހާފައިވާ މީހުންނަށާއި، އެންމެ ޑޯޒަކުން ވެކްސިން ފުރިހަމަވާގޮތަށް ތައްޔާރުކޮށްފައިވާ ޖޯންސަން އެންޑް ޖޯންސަންސް ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށް މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިހާރު ޖަރުމަނުގައި 12-17 އުމުރުފުރައިގެ ކުދިންނަށް ވެކްސިން ދެމުންގެންދަނީ އެކުދިންނަށް ބަލި ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާނަމައެވެ. ނަމަވެސް، 12 އަހަރުން މަތީގެ ހުރިހާ ކުދިންނަށް ވެކްސިން ދިނުމުގެ ކަންތައްތައް ހަމަޖެއްސުމަށް މިނިސްޓަރ އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެކުދިންނަށް ވެކްސިން ދިނުމަށް ހާއްސަކޮށްގެން ވެކްސިން ސެންޓަރުތަކެއް ހުޅުވުމަށް ވެސް މިނިސްޓަރު ވަނީ މަޝްވަރާ ކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖެހުމަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުންގެންދަނީ އެކުދިން އިލްމް އުނގެނުމަށް ސުކޫލަށް ދާއިރު ހުރިހާ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ގަރުމަނުގެ މިހާރު ކޮވިޑް ހާލަތަށް ބަލާއިރު އަވަށްޓެރި ގައުމުތަކާ އަޅައި ކިޔައި ޖަރުމަނުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮމެންޓު

    ހޫން ތިޔަ ވެކްސިން ވިއްކަން ޖެހޭވިއްޔަ އަހަރު ދެކޮޅު ތިއެއް ޖަހަން ޖެހޭނެ ހެން ހީވަނީ މިދާ ވަރުން