އޮސްޓްރޭލިޔާގެ އެންމެ އާބާދީ ބޮޑު ސިޓީކަމަށްވާ ސިޑްނީގައި އިއުލާންކޮށްފައިވާ ފުރަބަންދުގެ އުސޫލުތަކަށް ލުއިތަކެއް ދޭނީ އާބާދީގެ %50 ވެކްސިން ޖެހުމުންކަމަށް އެގައުމުގެ އިދާރާތަކުން ބުނެފިއެވެ.

ކޮވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު އޮސްޓްރޭލިޔާގެ އެކި ސަރަހައްދުތަކުގައި ފެތުރެން ފެށުމާއި އެކު ބަލިމަޑުކަމުގެ ނުރައްކާތެރި ރާޅަކާ ކުރިމަތިލާން އެ ގައުމަށްވަނީ ޖެހިފައެވެ. އެގޮތުން ފާއިތުވި ހަފްތާތަކުގައި ނިއު ސައުތު ވޭލްސްގައި ބަލިމަޑުކަން ފެތުރި 16 މަސްދުވަސް ފަހުން އެ ސުޓޭޓުގައި ބަލިޖެހޭ މީހުންގެ އަދަދުވަނީ އިތުރުވާން ފަށައިފައެވެ. އެއާއެކު އެ ސްޓޭޓުގައި އޮގަސްޓު މަހުގެ ނިޔަލަށް ފުރަބަންދު ވަނީ އިއުލާން ކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރުމަށް އޮސްޓްރޭލިޔާގެ އަސްކަރިއްޔާއިން މަގުތަކަށް ނުކުތުމާއި، މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރުވާނަމަ އޮފީހުގެ ވެރިން ޖޫރިމަނާކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއްް އަންނަނީ އަޅަމުންނެވެ.

އޮގަސްޓު މަހުގެ ނިޔަލަށް ކޮވިޑް ވެކްސިންގެ ހަ މިލިޔަން ޑޯޒު އެ ސުޓޭޓުގައި ދިނުމަށް ނިންމާފައިވާކަމަށް ނިއު ސައުތު ވޭލްސްގެ ސަރަހައްދީ ސަރުކާރުން ވަނީ ބުނެފައެވެ. އެއާއި އެކު ނިއު ސައުތު ވޭލްސްގެ އާބާދީގެ 50 އިންސައްތަ މީހުންނަށް ވެކްސިންގެ ދެ ޑޯޒު ދެވޭނެކަމަށް އެ ސުޓޭޓުގެ ސަރުކާރުން ގަބޫލުކުރެއެވެ. އަދި އާބާދީ 50 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ނަމަވެސް ޖެހުމުން ފުރަބަންދުގެ އުސޫލުތަކަށް އޮގަސްޓު މަހުގެ 29 ވަނަ ދުވަހުގެ ފަހުން ލުއިތަކެއް ދެވޭނެކަމަށްވެސް ވަނީ ބުނެފައެވެ.

ނިއު ސައުތް ވޭލްސްގައި ވެކްސިން ޕްރޮޖެކްޓުގެ މި އަމާޒު ކަނޑައަޅާފައިވަނީ އެގައުމަށް ކުރިމަތިވެފައިވާ ކޮވިޑް ހާލަތުން އަރައިގަތުމަށް ކޮންމެ 10 މީހަކުން ހަތް މީހަކު ވެކްސިން ޖަހަން ޖެހޭނެ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ބުނެފައިވަނިކޮށެވެ.

އޮސްޓްރޭލިޔާގައި 34,500 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި ބަލީގައި 900 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.