އެމެރިކާގެ ނިއުޔޯކްގެ ގަވަރުނަރު އަންދްރޭ ކޫމޯ އެތައް އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ނިއުޔޯކްގެ އެޓާނީޖެނެރަލް ލެޓީޓިއާ ޖޭމްސް ކުރި ތަހްގީގުން ހާމަވެއްޖެއެވެ.

ކޫމޯގެ ކުރީގެ މުވައްޒަފުން ހިމެނޭ ގޮތައް 11 އަންހެނަކު ވަނީ ކޫމޯގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް މީޑިއާގައި ވެސް ބުނެފައެވެ. ނަމަވެސް އެހުރިހާ ތުހުމަތެއް ކޫމޯ ދޮގު ކުރައްވައެވެ. އޭނާ ވިދާޅުވާ ގޮތުގައި އެއްވެސް މުވައްޒަފަކަށް އޭނާ ގަސްދުގައި ޖިންސީ ގޯނާ ކޮށްފައެއް ނުވާނެއެވެ. އަންހެނުންތަކަކަށް ޖިންސީ ގޯނާ ކުރިކަން ބޭޒާރުވުމުން ކޫމޯ މަގާމުން އިސްތިއުފާ ދެއްވަން މީގެ ދެތިން މަސް ކުރިން ވަރަށް ގިނަ ބަޔަކު ގޮވާލިއެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާއެއް ނުދެއްވެވިއެވެ.

ކޫމޯގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަހްގީގު ކުރުމަށް ފަހު ލެޓިޓިއާ ނެރުނު ރިޕޯޓްގައި ގިނަ އަންހެނުންތަކަކަށް ކޫމޯގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނި ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅަން ރިޕޯޓްގައި ލަފާދީފައެއް ނުވެއެވެ.

އެޓާނީޖެނެރަލްގެ 165 ސޮފްހާގެ ރިޕޯޓް އެކުލަވާލާފައި ވަނީ 179 މީހަކާއި ސުވާލުކޮށް، ތަހްގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށްގެންނެވެ. އަދި އެތައް ހާސް ޑޮކިއުމެންޓެއް ވެސް ދިރާސާ ކުރުމަށް ފަހުއެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކޫމޯ އޭނާގެ އަމިއްލަ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނާއި އެހެން ސްޓޭޓްތަކުގެ މުވައްޒަފުންނަށް ވެސް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކޮށްފަައި ވެއެވެ. އަދި ސިފައިންގެ މީހަކަށް ވެސް ކޫމޯގެ ފަރާތުން ޖިންސީ ފުރައްސާރަ އާއި ކުރިމަތިވި ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ކޫމޯ ވަނީ ބައެއް އަންހެން މުވައްޒަފުންގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލައި، އަދި ބައެއް މުވައްޒަފުންނަށް ދޮންދީ، ބައްދާ، ބައެއް އަންހެނުން ކައިރީ ޖިންސީ ފުރައްސާރަ އަށް ހިމެނޭ ވާހަކަތައް ވެސް ދައްކާފައެވެ.

އެޓާނީޖެނެރަލްގެ ރިޕޯޓާއި ގުޅިގެން ކޫމޯ އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އޭނާގެ އޮފީހުން ވެސް އެޓާނީޖެނެރަލްގެ ރިޕޯޓާއި ގުޅިގެން އަދި މިހާތަނަށް މީޑިއާއަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ކޫމޯ އާއި ގުޅޭގޮތުން ނެރުނު ރިޕޯޓާއިއެކު އަނެއްކާވެސް އޭނާގެ އިސްތިއުފާއަށް ގޮވާލާ މީހުންގެ އަޑު ވަނީ ގަދަވެފައެވެ.

އެމެރިކާގެ ވެރިކަން ކުރާ ޕާޓީ ކަމަށްވާ ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ ކޫމޯ އަކީ ނިއުޔޯކްގެ ބާރުގަދަ އާއިލާއެއްގެ މެންބަރެކެވެ. އޭނާގެ އާއިލާ މެންބަރުން ނިއުޔޯކްގެ އިސް ސިޔާސީ މަގާމުތައް ފުރަމުން އަންނަތާ އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ.