މުޅި ދުނިޔެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 200.2 މިލިއަނަށް އަރައިފިއެވެ.

ވޯލްޑް ޑޭޓާގެ ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް އެކި ގައުމުތަކުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 200,264,356 އަށް އަރައެވެ. މީގެތެރެއިން 4.3 މިލިއަން މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެ އަދި ކޮވިޑް ޖެހިގެން މަރުވެފައި ވަނީ ވެސް އެމެރިކާ އިންނެވެ. އެމެރިކާ އިން މިހާތަނަށް 36 މިލިއަން މީހުން ކޮވިޑަށް ފައްސިވެ، ހަލައްކައަށްވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ވަނީ އިންޑިއާ އިންނެވެ. އިންޑިއާ އިން 31.7 މިލިއަން މީހުން ކޮވިޑަށް ފައްސިވެ ހަތަރު ލައްކަ މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.

ކޮވިޑް ޖެހިގެން ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ބްރެޒިލުންނެވެ. ބްރެޒިލަކީ ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ ގައުމެވެ. ބްރެޒިލުން 19 މިލިއަން މީހުން ކޮވިޑަށް ފައްސިވެ، ފަސް ލައްކަ މީހުން ކޮވިޑްގައި މަރުވެފައި ވެއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ވަރަށް ބޮޑަށް މަދުވުމަށް ފަހު މިހާރު އަނެއްކާ ވެސް ވަނީ ފައްސިވާ މިހުންގެ އަދަދު އިތުރުވާން ފަށާފައެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު އެންމެ ބޮޑަށް އިތުރުވަމުން އަންނަ އެއްގައުމަކީ އެމެރިކާއެވެ. އިއްޔެ އެމެރިކާ އިން އެއްލައްކަ މީހުން ކޮވިޑަށް ފައްސިވިއެވެ. އިއްޔެ އަކީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހަށް ފަހު އެމެރިކާ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

އެމެރިކާގެ ފިޔަވައި އިއްޔެ އެންމެ ގިނަ މީހުން ފައްސިވީ އިންޑިއާ އިންނެވެ. އިންޑިއާ އިން އިއްޔެ ވެސް 42000 މީހުން ފައްސިވިއެވެ. އީރާނުން އިއްޔެ 39000 މީހުން ފައްސިވެފައި ވާއިރު މިހާރު ވަރަށް ބޮޑަށް ހާލަތު ގޯސްވެފައިވާ އިންޑޮނޭޝިއާ އިން އިއްޔެ 33000 މީހުން ފައްސިވިއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު އިތުރުވަމުން އަންނަނީ ޑެލްޓާ ވޭރިއަންޓްގެ ސަބަބުންނެވެ. ނަމަވެސް ވެކްސިން ގިނަ ބަޔަކު ޖަހާނަމަ ޑެލްޓާ ވޭރިއަންޓް ވެސް ކޮންޓްރޯލް ކުރެވޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ.