ފަހުގެ ތާރީޚްގައި ދުނިޔޭގައި އުފެދުނު އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު މަސްތުވާތަކެތީގެ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މެކްސިކޯގެ އެލް ޗަޕޯ ގުޒްމަންގެ ފައިސާ އާއި ގުޅޭ ކަންކަން ބެލެހެއްޓި މެނޭޖަރު މެކްސިކޯ ސަރުކާރުން އެމެރިކާ ސަރުކާރާއި ހަވާލުކޮށްފިއެވެ.

މެކްސިކޯ އަށް އެލްޗަޕޯ ވެސް ބަންދުކޮށްގެން ބެލެހެއްޓުން ބޮޑު ކަމަކަށް ވެގެން ވަނީ އެމެރިކާ އާއި ހަވާލު ކޮށްފައެވެ. އެމެރިކާގެ ސެކިއުރިޓީ އެންމެ ވަރުގަަދަ ޖަލު ކަމަށްވާ ކޮލެރާޑޯގެ ޖަލުގައި އެލްޗަޕޯ ގެންދަނީ އެމެރިކާ އިން އޭނާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެލްޗަޕޯ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ގެންދިޔައިރު ފައިސާގެ ހުރިހާ ކަންތައްތަކެއް ބެލެހެއްޓި ޖޯޖް ޕެރޭޒް ވަނީ އާދީއްތަ ދުވަހު އެމެރިކާ ސަރުކާރާއި ހަވާލު ކޮށްފައެވެ. އޭނާ އެމެރިކާގެ ސަލާމަތީ ބާރުތަކާއި ހަވާލުކުރީ މެކްސިކޯ ސިޓީ އިންޓަނޭޝަނަލް އެއާޕޯޓްގައެވެ. ޕެރޭޒް އުފުލި ފްލައިޓް ޖެއްސީ ވޮޝިންޓަން ޑީސީގައެވެ. ނަމަވެސް އޭނާ މިހާރު ހުރިތަނެއް އަދި އެމެރިކާގެ އޮފިޝަލުން ސާފުކޮށެއް ނުދެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕެރޭޒްގެ މައްޗަށް އެމެރިކާ އިން ގިނަ ދައުވާތަކެއް އުފުލާނެއެވެ.

އެމެރިކާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނާ ގޮތުގައި އެލްޗަޕޯގެ ސިނަލޯއާ ކާޓެލް އަށް މަސްތުވާތަކެތި ވިއްކައިގެން ލިބުނު ހުރިހާ ފައިސާއެއް ޓްރާންސްފާ ކުރާނެ ގޮތާއި އެފައިސާ އިން ކުރާނެ ޚަރަދުތައް ވެސް ނިންމާ އެކަންކަމާއި ގުޅޭ ލަފާތައް އެލްޗަޕޯއަށް އަރުވަމުން ގެންދިޔައީ ޕެރޭޒްއެވެ.

އެލްޗަޕޯ އާއި ޕެރޭޒްގެ އިތުރުން އެލްޗަޕޯގެ އަނބިމީހާ އެމާ ކެރޮނެލް ވެސް މިހާރު ހުރީ އެމެރިކާގައި ބަންދު ކޮށްފައެވެ. އެމާ ހައްޔަރު ކޮށްފައި ހުރީ ވާޖީނިއާގައެވެ. އަދި އެލްޗަޕޯގެ ގޭންގްގެ އިސް މެންބަރެއް ކަމަށްވާ ޖޯޖް ސަންޗޭޒް ވެސް ހުރީ އެމެރިކާގައެވެ. ސަންޗޭޒްގެ މައްޗަށް ދިހަ އަހަރުގެ ޖަލު ހުކުމެއް ބުދަ ދުވަހު ވަނީ އިއްވާފައެވެ. އެއީ މެކްސިކޯ އާއި އެމެރިކާގެ ކެލިފޯނިއާ އާއިދެމެދު ޓަނަލްއެއް ކޮނެގެން މަސްތުވާތަކެތި އެމެރިކާ އަށް އެތެރެ ކުރުމުގައި ސަންޗޭޒް ބައިވެރިވެފައިވާކަން ސާބިތުވެގެންނެވެ.

ސިނަލޯއާ ކާޓެލްގެ ދުވަސް ދުއްވާލުމަށްޓަކައި އެލްޗަޕޯ ހައްޔަރު ކުރި ނަމަވެސް އެގޭންގުން އަދިވެސް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއެވެ. އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އެލްޗަޕޯ ހައްޔަރުކުރި ފަހުން ސިނަލޯއާގެ ވިޔަފާރި ވަނީ އަދި އިތުރަށް ފުޅާކޮށްފައެވެ.

އެލްޗަޕޯގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްތައް މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް އިސްތިއުނާފް މަރުހަލާ އިން ވެސް އޭނާ އަށް ސަލާމަތް ވެވިދާނެ ކަމަށް ނުބެލެވޭ ކަމުގައި ރިޕޯޓްތައް ބުނެއެވެ.