ކޮވިޑް-19 ވެކްސިންގެ ތިން ވަނަ ޑޯޒެއް ހޯދަން މުއްސަނދި ގައުމުތަކުން ކުރަމުން އަންނަ މަސައްކަތް މިވަގުތަށް ހުއްޓާލުމަށާއި އަދި އެންމެ އަވަސް ވެގެން ވެސް ސެޕްޓެމްބަރ މަސް ނިމެންދެން އެއްވެސް ގައުމަކުން ވެކްސިންގެ ތިން ވަނަ ޑޯޒެއް ހޯދަން މަސައްކަތް ނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އެދިއްޖެއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ޓެޑްރޯސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހުރިހާ ގައުމަކަށް ވެކްސިން ފޯރުކޮށްދިނުމަށް ހުރިހާ ފަރާތްތަކެއް އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"ޑަބްލިއުއެޗްއޯ އިން މިއެދެނީ އެއްވެސް ގައުމަކުން ވެކްސިންގެ ތިން ވަނަ ޑޯޒެއް ހޯދުމުގެ މަސައްކަތް އެންމެ އަވަސް ވެގެން ވެސް ސެޕްޓެމްބަރ މަހުގެ ނިޔަލަށް ނުކުރުމަށް. އަދި ހުރިހާ ގައުމެއްގެ ވެސް އާބާދީގެ އެންމެ މަދުވެގެން %10 މީހުންނަށް ވެކްސިން ފޯރުކޮށްދެވެން ދެން އެއްވެސް ގައުމަކުން ތިން ވަނަ ޑޯޒެއްގެ ވެކްސިން ހޯދުމުގެ މަސައްކަތް ނުކުރުމަށް. ހާއްސަކޮށް ބާރުގަދަ ގައުމުތަކާއި ވެކްސިން ކޮންޓްރޯލް ކުރާ ކުންފުނިތަކުގެ ކިބައިން މިކަމަށް އެދެން." ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ މިހާރު ވެސް ކޮވިޑް ވެކްސިންގެ އެންމެ ޑޯޒެއްގެ ވެކްސިން ނުލިބިފައި ވެސް އެތައް ސަތޭކަ މިލިއަން މީހުން ދުނިޔޭގައި އެބަތިބި ކަމަށެވެ. ނަމަވެސް މުއްސަނދި ގައުމުތަކުން މިހާރު އަމާޒު ހިފާފައި ވަނީ ވެކްސިންގެ ތިން ވަަނަ ޑޯޒެއް ހޯދަންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މިހާތަނަށް ހަތަރު ބިލިއަން ޑޯޒަށް ވުރެ ގިނަ ޑޯޒް ވަނީ އެކި ގައުމުތަކަށް ފޯރުކޮށްދީފައި. އޭގެތެރެއިން %80 ޑޯޒް ގޮސްފައި ވަނީ މުއްސަނދި ގައުމުތަކަށާއި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް. ނަމަވެސް މިއީ ދުނިޔޭގެ އާބާދީއަށް ބަލާއިރު ކުޑަ މިންވަރެއް." ޓެޑްރޯސް ވިދާޅުވިއެވެ.

ޖަރުމަންވިލާތާއި އިނގިރޭސިވިލާތާއި އިސްރާއީލުން މިހާރު ވެސް ވަނީ ކޮވިޑް ޖެހިއްޖެނަމަ ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ މީހުންނަށް ވެކްސިންގެ ތިން ވަނަ ޑޯޒެއް ދޭނެކަން އިއުލާން ކޮށްފައެވެ.

ކޮވިޑް-19 ވެކްސިން ފަގީރު ގައުމުތަކަށް ވެސް ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯ އިސްވެ އޮވެ ވަނީ ހާއްސަ ޕްރޮގްރާމެއް ފަށާފައެވެ. ނަމަވެސް އެޕްރޮގްރާމަށް ބޭނުންވާ ވެކްސިން ވެސް ފޯރުކޮށްދެނީ މުއްސަނދި ގައުމުތަކުން ކަމަށް ވާތީ އެންމެ އެކަށީގެންވާ ގޮތުގައި ޕްރޮގްރާމް ކުރިއަކަށް ނުގެންދެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަބަރޭ

    ތިޔަޑޯޒް ރަށް ދެމުން ދެމުންގޮސް 5 ވަނަޑޯޒްވެސްދީ
    އަދި 6 ވަނަޑޯޒްވެސްދީ

    • Anonymous

      ކޮވިޑަކީވެސް ހަމަ ބައްޔެއް. އެބޯލާ (ތަންތަންގިރި އަތްފައިވެއްޓި) ބަލީގަ މީހުން މިވަރަކުން ނޫޅޭ.. ކޮވިޑުދެކެވާލޯބިން އެކަމަށް ހުސްވެ ތިބެ ބޯޓަށް މަސްކިރާ މަސްރިޕޯޓް ކިޔާހެން ކޮވިޑްއާގުޅޭ ރިޕޯޓްތައް ކިޔާ.. މިއީ ކޮންފަދަ ކަމެއް. ރައްކާތެރިވެ އުޅުނީމަވީ.. މިއީ ހަމަ ރޯގާއެއް މިޖެހުމުން ބޭސްކުރުމުން އެކަން އެނިމުނީ. އެކަމަކު ކޮވިޑް ނަގާ ބޮލަށް ލައިގެން އިގްތިސާދު ހަލާކު ކޮށްލާ އާއިލީ ދިރިއުޅުމާއި، އިޖުތިމާއީ ގުޅުންތައް ނެތިކޮށް. 24 ގަޑިއިރު ޓެކްނޮލޮޖީއަށް ހުސްވެ ސިކުނޑިއާއި ލޮލާއި ހަށިގަނޑު އެކީ ހަލާކު ކޮށްލަން މާހިތަށް ފަސޭހަވީމަދޯ މިކަމާހެދި މިއުޅެނަގަނީ..

      1
      1