އަފްޣާނިސްތާނުގެ އެތައް ހާސް ރައްޔިތުންނެއް އެމެރިކާގައި ވަޒަންވެރި ކުރުމަށް އެކުލަވާލާފައިވާ މަޝްރޫއުއަށް ތުރުކީވިލާތުން ފާޑުކިޔައިފިއެވެ.

އަފްޣާނިސްތާނުގައި ތާލިބާނުގެ ހަމަލާތަކުގެ ސަބަބުން ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް އެމެރިކާގައި ވަޒަންވެރިވުމަށް މަގުފަހިވާ ހާއްސަ މަޝްރޫއުއެއް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ އިފްތިތާހުކޮށްފައެވެ.

އެ މަޝްރޫއުގެ ދަށުން އެމެރިކާގައި ވަޒަންވެރިވާން ބޭނުންވާ އަފްޣާނިސްތާނުގެ ރައްޔިތުން އެހެން ގައުމަކަށް ހިޖުރަކޮށް އެ ގައުމުގައި 12 ނުވަތަ 14 މަސްދުވަހު ދިރިއުޅުމަށްފަހު އެމެރިކާގައި ވަޒަންވެރިވުމަށް އެދެވޭނެއެވެ.

އެ ގޮތުން ކަނޑައެޅިފައިވާ މުއްދަތު ފުރިހަމަކުރުމަށް އަފްޣާނިސްތާނުގެ އަވަށްޓެރި ގައުމުތަކުން ހިޖުރަވެރިން ބަލައިގަތުމަށް އެމެރިކާއިން ވަނީ ބާރު އަޅައިފައެވެ. އަދި ބައެއް މީހުން އިރާނުގެ މަގުން ތުރުކީއަށް ހިޖުރަކޮށްފާނެ ކަމަށް ލަފާކޮށް އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަހައްދީ ރޮނގު ބަންދުނުކޮށް ބޭއްވުމަކީ މުހިންމު ކަމެއްކަމަށް އެމެރިކާއިން ބުނެއެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ އަފްޣާނިސްތާނުން ހިޖުރަކުރާ މީހުންނަށް ތުރުކީވިލާތުން ހިމާޔަތާއި ރައްކާތެރިކަމެއް ނުދެވޭނެ ކަމަށެވެ. މިހާރުވެސް ތުރުކީވިލާތުން ހަތަރު މިލިއަން ހިޖުރަވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ދެމުންގެންދާ ކަމަށާއި އިތުރު ބަޔަކަށް އެހީތެރިވުމަކީ ކުރެވޭނެކަމެއް ނޫން ކަމަށް ތުރުކީން ބުނެފައިވެއެވެ. ތުރުކީއިން ބުނެފައިވަނީ އެމެރިކާއިން ނިންމާފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއްކަމަށާއި އެއީ ހިޖުރަވެރިންގެ އިތުރު ކާރިސާއެއް އުފެދޭނެފަދަ ނިންމުމެއްކަމަށެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ބުނީ އެމެރިކާއިން ކޮންމެހެން އަފްޣާނިސްތާނުގެ މީހުން އެގައުމަށް ހިޖުރަކުރަން ބޭނުންވާނަމަަ އިތުރު ގައުމެއް މެދުވެރި ނުކޮށް ސީދާކޮށް އެމެރިކާއަށް ހިޖުރަކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބޭރުގެ ފައުޖުތައް އެ ގައުމުން ފޭބުމުން ކާބުލްގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ހިންގުމާ ހަވާލުވުމަށް ބޭނުންވާ ކަމަށް ބުނެ ތުރުކީވިލާތުންވަނީ ޝައުގުވެރިކަން ފާޅު ކޮށްފައެވެ.