ޕާކިސްތާނުގައި އެއްދުވަހުން އެއްމިލިއަން ޑޯޒް ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް ފެޑެރަލް ޕްލޭނިންގް ޑިވެލޮޕްމެންޓް އެންޑް ސްޕެޝިއަލް އިނީޝިއޭޓިވް މިނިސްޓަރ އަސަދް އުމަރް މިދިޔަ އަންގާރަ ދުވަހު އިއުލާން ކޮށްފިއެވެ.

ޕާކިސްތާނުގައި އެއްދުވަސްތެރޭ ވެކްސިން ދިން މީހުންގެ އަދަދު މިހާ މަތިވެފައިމިވަނީ އެ ގައުމުގެ ފިހާރަތަކާއި ހޮސްޕިޓަލްތަކާއި ސުކޫލްތަކަށް ކޮވިޑް ވެކްސިން ނުޖަހާ މީހުން ވަނުން މަނާކުރުމާއެކުއެވެ.

މިނިސްޓަރ އަސަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމާޒަށް ވާސިލް ވެވިއްޖެ ކަމަށާއި، މިއީ އެންމެން ބައިވެރިވެ ކުރި މަސައްކަތްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެއާއި ގުޅިގެން އިތުރަށް ކުރެއްވި ޓްވީޓެއްގައި ސިޓީތަކުން ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ފުރަތަަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ އަދަދު ވަނީ ހާމަކޮށްފައެވެ.

"ޕާކިސްތާނުގެ ސިޓީތަކުގެ ތެރެއިން ވެކްސިން ޖެހޭ އާބާދީގެ 50 އިންސައްތައަށް ވުރެ ގިނަ ބަޔަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފުރަތަމަ ސިޓީއަކަށް އެއް މިލިއަން މީހުންގެ އާބާދީ އޮންނަ އިސްލާމްއާބާދް ވެއްޖެ" މިނިސްޓަރ ކުރެއްވި ޓްވީޓްގައި ލިއެފައިވެއެވެ.

ޕާކިސްތާނުގައި މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 31.9 މީހުންނަށް ވެކްސިން ދީފައިވާއިރު، ދުވާލަކު އެއް މިލިއަން މީހުންނަށް ވެކްސިން ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިއްހީ ދާއިރާއިން ޕާކިސްތާނުގެ ބޮޑުވަޒީރަށް އެހީތެރިވުމަށް ހަމަޖައްސާފައިހުންނަ ޑރ ފައިސަލް ސުލްތާން ކުރެއްވި ޓްވީޓެއްގައި ވަނީ އެއް ދުވަހުން އެއް މިލިއަން ޑޯޒް ވެކްސިން އެގައުމުގައި ޖަހާފައިވާކަން ކަށަވަރު ކޮށްދީފައެވެ.

ވެކްސިން ޖަހަން ގިނަ މިހުން ކިޔުގައި ތިބި އިރު ވެކްސިން ސަޕްލައިގެ މައްސަލަތަކަކާއި ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު