މައްކާއަށް ދިއުމަށް ފަތާފައި ދަތުރު ފެށި މީހަކު ސަލާމަތްކޮށްފި

މެލޭޝިއާއިން މައްކާއަށް ފަތާފައި ދަތުރު ފެށި އުމުރުން 28 އަހަރުގެ މެލޭޝިއާ މީހަކު ސަލާމަތްކޮށްފިއެވެ. އެ މީހާ ސަލާމަތްކޮށްފައި ވަނީ 7000 ކިލޯ މީޓަރަށް ފަތާފައި ދަތުރު ކުރި ފަހުން މެލޭޝިއާ ފުލުހުންނެވެ.

އޭނާ ސަލާމަތް ކުރުމަށްފަހު ވަނީ ސައިކެޓްރިކް ހޮސްޕިޓަލަކަށް އިވިއުލޭޝަނަށް ގެންގޮސްފައެވެ.

އެ ހާދިސާގެ ފޮޓޯތަކާއި ވީޑިއޯތަައް މެލޭޝިއާގެ އެކި މީސް މީޑިއާ ފްލެޓްފޯމްތަކުގައި ވަނީ އާއްމުވެފައެވެ.

ފުލުހުން ބުނެފައި ވަނީ، އޭނާ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ހައްޔަރުކޮށްފައިވާ ކަމަަށާއި، އޭނާ ހައްޔަރުކޮށްފައި ވަނީ މައްކާއަށް ފަތާފައި ދާން އުޅުމުން ކަމަށެވެ.

އޭނާ ފަތާފައި ސައުދި އަރަބިއްޔާއަށް ދާން ބޭނުންވާ ސަބަބު އަދި ސާފް ނުވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މީގެ ކުރިންވެސް އޭނާ މިދިޔަ ތިން ހަފްތާ ތެރޭގައި އެފަދަ ކަމެއް ކޮށްފައިވާ ކަމަށް ވެއެވެ.

އަދި އެ މީހާއަކީ މަސްތުހާލަތުގައި ހުރި މީހެއްތޯ ބެލުމަށް ހެދި ޓެސްޓުވެސް ނައްސިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާއަކީ ޖުލައި 12 ވަނަ ދުވަހު މޫދަށް ފުންމާލައިގެން މެލޭޝިއާގެ އެހެން ސަރަހައްދެއްގައި ދިރިއުޅޭ އޭނާގެ ރަހުމަތްތެރިއެއް ކައިރިއަށް ދާން އުޅުނެވެ. އޭނާ އެގޮތަށް ކަންތައް ކޮށްފައި ވަނީ ދަތުރު ކުރުމަށް ހުއްދަ ނުދިނުމުންނެވެ. އޭނާ އެ ދަތުރު ފެށި ފަހުން، ކުރިއަށް ނުގޮސްގެން ކަނޑުމަތީގައި އޮއްވާ އޭނާ ސަލާމަތްކޮށްފައި ވަނީ ޕެނަންގް ޕޯޓް އެސްޑީއެން ބީއެޗްޑީގެ މަސައްކަތްތެރިންނެވެ.

އޭނާ އެންމެ ފުރަތަމަ ފަތާފައި ކުރަން އުޅުނު ދަތުރާއި ގުޅިގެން ފުލުހުން އޭނާ ސައިކެޓްރިކް ހޮސްޕިޓަލަށް ގެންދިިޔައިރު، އޭނާގެ ސިކުނޑީގެ މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި އޭނާގެ މައިންބަފައިން ބުނާގޮތުގައި، އޭނާއަށް ދަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ދޭ ފަރުވާތައް ނޭޝަނަލް އެންޓި-ޑްރަގް އެޖެންސީ މެދުވެރިކޮށް ދެމުންނެވެ.