ތައިލެންޑުގައި ކޮވިޑް-19ގެ އެމެޖެންސީ ވޭދަނަތައް (ކޭސްތައް) އިތުރުވަމުންދިޔުމާއި އެކު މައި ސިޓީ ބެންގްކޮކްގެ މަގުމަތިން ތިން މީހުންގެ ހަށިގަނޑު ފެނި، ފޮޓޯތައް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުން ފުރަތަމަ މީހާ ވެއްޓިފައިވަނީ ބެންގްކޮކްގެ ސުހުމްވިޓް މަގުން ބުދިސްޓުންގެ ފައްޅިއެއް ކައިރިއަށެވެ. އެތަނަށް މީހާ ވެއްޓުމުން ފުރަތަމަ އެހީވެސް ދީފައިވާ ކަމަށާއި، ނަމަވެސް ފުރާނަ ސަލާމަތް ނުކުރެވުން ކަމަށް ބުނެފައިވެއެވެ. މަރުގެ ސަބަބު ހޯދުމަށް ހުރެވުނު ތަހުލީލްތަކުން އެނގިފައިވާ ގޮތުން މި މީހާ ވަނީ ކޮވިޑަށް ފައްސި ވެފައެވެ.

ދެވަނައަށް ވެއްޓިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ. އޭނާ ވެއްޓިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ ސަރުކާރުގެ މިނިސްޓްރީ އޮފިސްތަކާއި ފުލުހުންގެ ހެޑްކުއާޓާތައް ހިމެނޭ ރަޗްޑަމްނިއޯން އެވެނިއު ސަރަހައްދުންނެވެ. ތިންވަނަ މީހަކަށް މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނިފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކްލޯންގް ޓޯއީ ޑިސްޓްރިކްޓުގެ ބަނދަރު ސަރަހައްދުންނެވެ. މި ދެމީހުންވެސް ކޮވިޑަށް ޓެސްޓް ކޮށްފައިވާ ކަމަށާއި، އަދި ނަތީޖާ ހާމަކޮށްފައި ނުވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ބެންގްކޮކްގެ މަގުމަތިން މީހުންގެ ހަށިތައް ފެންނަން ފަށައިފައި މިވަނީ އެގައުމުގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިއުލާންކޮށް، ކޮވިޑުގެ ވޭދަނަތައް އިތުރުވަމުންދާތީ ދިފާއުވުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައެވެ.

ތައިލެންޑުގައި ކޮވިޑަށް ފައްސިވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަަދަދު އަންނަނީ ރިކޯޑު މިންވަރަކަށް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު އެގައުމުން 20،000 މީހުން ކޮވިޑް-19އަށް ފައްސިވެ، ބަލީގައި 188 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މިއީ އެގައުމުގައި ކޮވިޑް ފެތުރެންފެށި ފަހުން އެއްދުވަހުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެ އަދި ބަލީގައި މަރުވެފައިވާ ދުވަހެވެ.