ކޮވިޑް-19 ވޭދަނަތައް އިތުރުވުމާއި ގުޅިގެން ދަތުުރުފަތުރު ކުރުމުގައި ކޮވިޑުން ދިފާއުވުމަށް ގަތަރުގައި އެކުަލަވާލައިފައިވާ އުސޫލުތައް އިސްލާހުކޮށް އޭޝިއާގެ ހަގައުމަކުން ގަތަރަށް ދަތުރުކުރާމީހުން ވެކްސިން ފުރިހަމަ ކޮށްފައިވީ ކަމުގައި ވިޔަސް ކަރަންޓީންވާން ޖެހޭ ގޮތަށް ނިންމައިފިއެވެ.

އޮގަސްޓް 2ވަނަ ދުވަހުން ފެށިގެން އިންޑިއާ، ސްރީލަންކާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް އަދި ފިލިޕީންސްގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ދަތުރުވެރިން ގަތަރަށް ދަތުރުކުރާނަމަ ކަރަންޓީން ވާން ޖެހެއެވެ. ގަތަރުގެ ސަރުކާރުން އިއުލާން ކޮށްފައިވާ ކަރަންޓީން އުސޫލުތަކުގައި ބުނެފައިވަނީ ގަތަރުގައި ބަލައިގަންނަ ވެކްސިނެއް ޖަހާފައި ވާނަމަ ކަރަންޓީންވާން ޖެހޭނީ ދެ ދުވަހު ކަމަށެވެ. އަދި ވެކްސިން ފުރިހަމަ ކޮށްފައި ނުވާނަމަަ ކަރަންޓީން 10 ދުވަހުގެ މުއްދަތު ފުރިހަމަ ކުރަން ޖެހެއެެވެ.

އޭޝިއާގެ 6 ގައުމަކުން ދަތުރުކުރާ މީހުން ކަރަންޓީން ވުމަށް ގަވާއިދު ބަދަލު ކޮށްފައިވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ. އެ ގައުމުތަކުގައި ކޮވިޑް ވޭދަނަތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ވެސް އެގައުމުތަކުން ގަތަރަށް ދަތުުރުކުރާ މީހުން ގިނައެވެ. އޭގެ ސަބަބުން ފައްސި ވޭދަނަތައް އިތުރުވާކަން ގަތަރުގެ އިދާރާތަކުން ފާހަގަ ކުރެއެވެ.

ރިޕޯޓުތައް ބުނާގޮތުން ކަރަންޓީންވާން އެންގުމުން ގައުމުތަކުގެ މީހުން އަންނަނީ ޝަކުވާ ހުށަހަޅަމުންނެވެ. އެގޮތުން، ބައެއް މީހުން ބުނެފައިވަނީ ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ވުމުން އެއީ މާ ގިނަ ދުވަސްތަކެއް ކަމަށާއި އޭގެ ސަބަބުން އަތުން ބޮޑު ހަރަދެއް ދާ ކަމަށެވެ.

ގަތަރުން މިހާތަނަށް 227,000 މީހުންނަށް ކޮވިޑް ޖެހި، 601 މީހުން ވަނީ ބަލީގައި މަރުވެފައެވެ. ގަތަރުގެ ސިއްހީ އިދާރާތަކުން އާންމު ކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ އެގައުމުގައި ނުރައްކާތެރި އަދި އަވަހަށް ފެތުރޭ ޑެލްޓާ ވޭރިއެންޓްގެ ވޭދަނަތައް ފެންނަން ފަށާފައިވާ ކަމަށެވެ. ކޮވިޑުން ދިފާއުވުމަށް އެގައުމުގައި މިހާރު 3.9 މިލިއަން ޑޯޒް ވެކްސިން ވަނީ ދީފައެވެ.