އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެލިފޯނިއާގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރުން ކޮންޓްރޯލެއް ނުވެއެވެ. ތާރީހީ އަވަށެއް ހަލާކުވެ، އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުުކުރަން ޖެހިފައިވާ މި ބޮޑު އަލިފާންގަނޑަކީ ކެލިފޯނިއާގެ ތާރީހުގައި ވެސް މިހާތަނަށް ރޯވި އެންމެ ބޮޑު އަލިފާންގަނޑު ކަމަށް އިއްޔެ ކެލިފޯނިއާގެ އޮފިޝަލުން ވިދާޅުވެފައިވެއެވެ.

މި އަލިފާންގަނޑު 187,562 ހެކްޓަރަށް ފެތުރިފައިވާ ކަމަށް ކެލިފޯނިއާގެ އަލިފާނާއި ގުޅޭ އިދާރާތަކުން އިއްޔެެ ހެނދުނު ބުނެފައިވެއެވެ. އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް އަލިފާނުގެ ސަބަބުން 400 އަށް ވުރެ ގިނަ ގެދޮރަށް ގެއްލުން ވެފައިވާ ކަމަށާއި، 13،800 އިމާރާތް ނުރައްކަލެއްގެ ތެރޭގައި ހުރި ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ކެލިފޯނިއާގައި ރޯވި އަލިފާންގަނޑު ވަނީ 404,700 ހެކްޓަރަށް ފެތުރިފައެވެ. އެމެރިކާގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މާ ބޮޑަށް ހޫނުވުމުގެ ސަބަބުން ގިނަ ހިސާބުތަކެއްގައި އަލިފާނުގެ ހާދިސާތައް ހިނގަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސައިންސްވެރިން ބުނީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ހުޅަނގު އެމެރިކާގެ ސަރަހައްދުތައް ހޫނުގަދަވެފައި ހިކެމުން ދާ ކަމަށެވެ. އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވަނީ މި ސަބަބާއި ގުޅިގެންނެވެ.

ކެލިފޯނިއާގެ ޑިކްސީ ފަޔާގައި މި ހަފްތާތެރޭގައި ގްރީންވިލޭ ޑައުންޓައުންއާއި ދެކުނު ސެކްރެމެންޓޯގެ ސަރަހައްދުތަކެއް ވަނީ ހަލާކުވެފައެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން މިހާތަނަށް ގްރީންވިލޭއިން 10 މީހަކު ގެއްލިގެން ރިޕޯޓު ކޮށްފައިވެއެވެ. އޭގެ ތެރެއިން ފަސް މީހަކު ފެނިފައިވާ ކަމަށާއި، ބާކީ ތިބި ފަސް މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މި އަލިފާންގަނޑު ރޯވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. ގްރީންވިލޭ ޓައުންގައި މިހާރުވެސް 11 އަލިފާނުގެ ހާދިސާއެއް ހިނގަމުންދާ ކަމަށް ބީބީސީއިން ރިޕޯޓު ކޮށްފައިވެއެވެ.