ފަހުގެ އެޕަލް ވޮޗް އަކީ އިންސާނުންގެ ސިއްހަތު ރައްކާތެރިކޮށް ހަށިގަނޑުގެ ހިނގުތައް ވަޒަންކުރެވޭގޮތަށް އުފައްދާފައިވާ ގަޑިއެކެވެ. މި ގަޑީގެ ސަބަބުން މިހާތަނަށް އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް ބޮޑު އެހީއެއް ލިބިފައިވާއިރު މިއީވެސް އެފަދަ ހާދިސާއަކުން ސަލާމަތްވެ މީހަކާއި ކުރިމަތިވި ހާދިސާއެކެވެ.

ބްރޭންޑަން ޝްނެއިޑާ ނަމަކަށް ކިޔާ ޒުވާނެއްގެ ފުރާނަ ސަލާމަތްވީ އޭނާ ހޮސްޕިޓަލުގެ ފާހަނާ ތެރެއަށް ވެއްޓި ހޭނެތުމުން އޭނާ އަތުގައި އަޅައިގެން އޮތް އެޕަލް ގަޑިއަށް އެކަން ޑިޓެކްޓު ކުރެވިގެންނެވެ.

އެޕަލް ވޮޗްގެ ފަހުގެ ގަޑީގައި އެ ގަޑި އަޅައިގެން ހުންނަ މީހާ ބިންމައްޗަށް ވެއްޓިއްޖެނަމަ 45 ސިކުންތު ތެރޭގައި އެމީހަކު ގަޑީގައި ހިއްސާކޮށްފައިވާ އެމެޖެންސީ ނަންބަރަށް އެކަން ހިއްސާކުރެވެއެވެ.

ބްރޭންޑަން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދިޔައީ ޑިޑްނީގައި ހިލަ އުފެދިންގެންނެވެ. އޭނާ ފާހަނާއަށް ގޮސް ހުއްޓާ ފާހަނާ ތެރެއަށް ވެއްޓުމުން އެޕަލް ގަޑިއަށް އެކަން ’ޑިޓެކްޓު‘ ކުރެވި އެމެޖެންސީ ނަންބަރަށް ވަގުތުން ގުޅުނެވެ. ބްރޭންޑަންގެ އެމެޖެންސީ ނަންބަރަކަށް އޮތީ އޭނާގެ ބައްޕަގެ ނަންބަރެވެ.

ފާހަނާ ތެރެއަށް ބްރޭންޑަން ވެއްޓުނު ވަގުތު އޭނާގެ ބައްޕަ ހުރީ ހޮސްޕިޓަލުގައި ކަމަށް ވުމުން ބްރޭންޑަން އޮތްތަނަށް ގޮސް ވަގުތުން އެހީވި އެވެ.

ފާހަނާ އަށް ގޮސް ބްރޭންޑަން ވެއްޓުނު ހިސާބުން އޭނާ އަށް ދެން ވީގޮތެއް އޭނާއަށްވެސް ނޭނގެއެވެ. ބްރޭންޑަން ބެލި ޑޮކްޓަރުން ހެދި ޓެސްޓުތަކުން އޭނާގެ ބޮލުގައި ރެނދެއް ލާފައި ހުރިކަން އެނގުނެވެ. އޭނާ އަށް ވަގުތުން ފަރުވާ ދެވުނު ކަން އެއީ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ލިބިގެންދިޔަ ފުރުސަތެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.