ރަހީނުކޮށް، ރޭޕް ކުރުމަށް ފަހު މަރާލާފައި އޮއްވާ ފެނުނު ޕާކިސްތާންގެ ހަތް އަހަރުގެ އަންހެން ކުއްޖާ ކަމަށްވާ ޒައިނަބު އަންސާރީގެ ގާތިލު ހޯދަން ޕަންޖާބުގެ ފުލުހުން ޕާކިސްތާންގެ ޖާސޫސީ އިދާރާއަށް އެކަށީގެންވާ އެއްބާރުލުމެއް ނުދޭ ކަމަށް ޕާކިސްތާންގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޒައިނަބު މަރާލާފައި އޮއްވާ މިދިޔަ އަންގާރަ ދުވަހު ފެނުމާއި އެކު ގިނަ އަދަދެއްގެ މީހުން ދަނީ ފުލުހުންނާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރަމުންދާ މީހުން ބުނަމުންދަނީ ޒައިނަބު ގެއްލިގެން ރިޕޯޓް ކުރުމުން ވެސް ފުލުހުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ކުޑަކުދިންގެ ހިމާޔަތުގައި ވެސް ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް މުޒާހަރާ ކުރާ މީހުން ބުނެއެވެ.

ޕާކިސްތާނުގެ ނޫހެއް ކަމަށްވާ "ޑެއިލީ ޓައިމްސް" ގައި ބުނެފައި ވަނީ ޒައިނަބުގެ ގާތިލު ހޯދަން ފުލުހުން ޖާސޫސީ އިދާރާ އަށް އެކަށީގެންވާ އެއްބާރުލުމެއް ނުދޭ ކަމަށް މައުލޫމާތު އެނގޭ އޮފިޝަލަކު އެނޫހަށް މައުލޫމާތު ދެމުން ބުނެފައިވާ ކަމަށެވެ.

އެނޫހުގައި ބުނެފައި ވަނީ ޒައިނަބުގެ ގާތިލުން ކަމަށް ތުހުމަތު ކުރެވޭ ހަތް މީހަކު ޖާސޫސީ އިދާރާ އިން މިހާރު ވަނީ ލިސްޓް ކޮށްފައެވެ. އެމީހުން ހޯދުމަށްޓަކައި ފުލުހުންގެ އަތުގައި ހުރި އެމީހުންގެ މައުލޫމާތު ފޯރުކޮށްދިނުމަށް ޖާސޫސީ އިދާރާ އިން ވަނީ އެދިފައި ކަމަށް ވެއެވެ. ނަމަވެސް ފުލުހުން އެމައުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ.

ޒައިނަބުގެ ގާތިލު ހޯދުމުގެ މަސައްކަތުގައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފުލުހުން ގާތިލާއި ކައިރިވަމުން އަންނަ ކަމަށް ޕަންޖާބުގެ ތަރުޖަމާން މިއަދު ވިދާޅުވި ނަމަވެސް "ޑެއިލީ ޓައިމްސް" އިން ބުނީ ޒައިނަބުގެ މަރުގެ މައްސަލައިގެ ތަޙްޤީޤުގައި ފުލުހުންނަށް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

 

1 ކޮމެންޓް

  1. މިއީ ވަރަށް ދެރަ ކަމެއް އިންސާފު ލިބޭނެ ކަމަށް އުންމީދުކުރަން