އެމެރިކާއަށް ރެފިއުޖީންގެ ގޮތުގައި ވަންނަން މަސައްކަތްކުރާ މީހުންނާއި، އެމީހުންގެ ދަރީން ވަކިކުރަމުންދާ މައްސަލައިގައި، އެޤައުމުގެ 17 ސްޓޭޓަކުން، ޑޮނަލްޑް ޓްރަމްޕްގެ މަރުކަޒީ ސަރުކާރާ ދެކޮޅު ހަދައިފިއެވެ.

ވޮޝިންޓަނާއި، ނިއު ޔޯކް އަދި ކެލިފޯނިޔާވެސް ހިމެނޭގޮތަށް 17 ސްޓޭޓަކުން، މި މައްސަލައިގައި، ސީޓަލްގެ ކޯޓަކަށްވަނީ މައްސަލަވެސް ހުށަހަޅާފައެވެ. މިއީ، އެޤައުމުގެ ސްޓޭޓްތަކުން، މި މައްސަލައިގައި މަރުކަޒީ ސަރުކާރާ ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހެދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ ހުށަހެޅި ހުރިހާ ސްޓޭޓްތަކުގައިވެސް ވެރިކަން ކުރަމުންދަނީ، އެޤައުމުގެ އިދިކޮޅު ޕާޓީ، ޑިމޮކްރަޓުންނެވެ. ވެރިކަން ކުރާ ޓްރަމްޕް ނިސްބަތްވަނީ ރިޕަބްލިކަން ޕާޓީ އަށެވެ.

މި މައްސަލަ ހުށަހެޅުމަށްފަހު، ސްޓޭޓުތަކުގެ ފަރާތުން ވާހަކަ ދެއްކި ނިއު ޖާޒީގެ އެޓާނީ ޖެނެރަލް ބުނެފައިވަނީ، މި މައްސަލައިގައި ޓްރަމްޕްގެ ސަރުކާރުން ޢަމަލު ކުރަމުންދަނީ ވަރަށް އަނިޔާވެރި ގޮތަކަށްކަމަށެވެ. އަދި، ކޮންމެ ދުވަހަކުވެސް ތަފާތު އައު އުސޫލުތަކަކަށް ޢަމަލުކުރަމުންދާކަމަށާއި، މިކަމުގެ ސަބަބުން އާއްމު މީހުންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް އަންނަމުންދާކަމަށް ސަރުކާރަށް ނޭނގޭކަމަށެވެ.

ހަމައެހެންމެ، އެމެރިކާއަށް ހިމާޔަތް ހޯދުމަށް އަންނަން މަސައްކަތް ކުރާ ފަރާތްތަކުގެ އަތުގައި، ބޭނުންވާ ލިޔެކިޔުން ނެތުމުން، މަރުކަޒީ ސަރުކާރުގެ އިދާރާތަކުން ޢަމަލު ކުރަމުންދާ "ޒީރޯ ޓޮލަރެންސް" ގެ އުސޫލަށްވެސް ޢަމަލު ކުރުން ހުއްޓާލަން ޖެހޭކަމަށް، ނިއު ޖާޒީގެ އެޓާނީ ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އެފަރާތްތަކުން ބުނެފައިވަނީ، މެދުތެރޭ އެމެރިކާގެ ޤައުމުތައް ދޫކޮށް އެމެރިކާއަށް އެތައް ބަޔަކު ހިޖުރަކުރަމުންދަނީ އެތައް އަނިޔާވެރިކަމަކުން ސަލާމަތްވުމަށްކަމަށާއި އެމީހުންނަށް، ސިޔާސީ ހިމާޔަތް ލިބުމުގެ ޙައްޤު އޮންނާނެކަމަށެވެ.

އެމެރިކާ އާއި މެކްސިކޯ ގުޅޭ ސަރަޙައްދީ ރޮނގުގެ ކައިރީގައި އެމެރިކާގެ ކަސްޓަމްސް އަދި އިމިގްރޭޝަން އިދާރާއިން ހިންގަމުންދާ އެތައް ކަމެއް، އެތައް ފަރާތަކުން ކުށްވެރިކޮށްފައިވާއިރު، ޕާސްޕޯޓާއި އެނޫންވެސް އެފަދަ ލިޔުންތައް ނެތްކަމަށް ބުނެ، އެތައް ކުދިންނަށްވަނީ ގޮޅިތަކުގައި ބަންދުކޮށްފައެވެ. މިއީ އިންސާނީ ޙައްޤުތަކަށް ގޮން ޖަހާލާފައި އެމެރިކާ އިން ކޮށްފައިވާ ކަމެއް ކަމަށް، އެތައް ފަރާތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު