ކެނެޑާގައި ސަރުކާރުގެ މުވައްޒަފުންނަށާއި، އެގައުމަށް ދަތުރުކުރާ ފަރާތްތަކުން ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ޖެހުން މަޖުބޫރުކުރުމަށް މަޝްވަރާ ކުރަން ފަށައިފިއެވެ.

ކޮމާޝިއަލް ފްލައިޓްތަކުން ކެނެޑާއަށް ދަތުރުކުރާ މީހުންނާއި އެގައުމުގެ ސަރުކާރަށް ހިދުމަތްކުރަމުންދާ މުވައްޒަފުން ކޮވިޑް ވެކްސިން ފުރިހަމަކުރުން މަޖުބޫރުކޮށް، އެކަން ވަރަށް އަވަަހަށް އިއުލާން ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ހުކުރު ދުވަހު މިނިސްޓަރ އޮފް އިންޓަގަވާމެންޓަލް އެފެއާޒް، ޑޮމިނިކް ލެބްލާންކް ވިދާޅުވީ ގައުމުގެ އިގްތިސާދު ކުރިއެރުވޭނީ މުވައްޒަފުން ސަލާމަތުން ތިބެގެން ކަމަށާއި، މި އަހަރުގެ ފަހުކޮޅު ސަރުކާރަށް ހިދުމަތްކުރާ ހުރިހާ މުވައްޒަފުން ވެކްސިން ޖެހުން މަޖުބޫރުކޮށް ގާނޫނު ފާސްކުރާނެ ކަމަށެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ސިއްހީ ހާލަތު ހުރި ގޮތުން ވެކްސިން ޖެހުމަށް އުޒުރުވެރިވާ ފަރާތްތަކަށް މަސައްކަތުގެ މާހައުލުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. ކެނެޑާގެ ސަރުކާރުން ގައުމުގެ ވެރިކަމާއި، ރައްޔިތުން ކޮންޓްރޯލް ކުރަމުން އަންނަކަން ފާހަގަކޮށް އޭނާ ވިދާޅުވީ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުުމެއްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ އޮމަރް އަލްގަބްރާ ވިދާޅުވީ ވައިގެ މަގުންނާއި، ކަނޑުމަގުން ދަތުރުކުރާ މީހުން އަދި ރޭލު ފަދަ އުޅަނދުތައް ދުއްވާ މީހުންނާއި ފަސިންޖަރުން ވެސް ވެކްސިން ފުރިހަމަ ކުރަން ޖެހޭނެ ކަމަށެެވެ.

ދުނިޔޭގައި ހަލުވިކަމާއި އެކު ކޮވިޑް ފެތުރި، ވޭދަނަތައް އިތުރުވެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ ގިނަ ގައުމުތަކަކުން ވަނީ ސިއްހީ ހިދުމަތްތެރިންނަށް ވެކްސިން ޖެހުން މަޖުބޫރު ކޮށްފައެވެ. މީގެ އިތުރުން ބައެއް ގައުމުތަކުގައި ޖިމާއި، ބާ ފަދަ ގިނަ މީހުން އެއްތާކުން ބައްދަލުވާ ފަދަ ތަންތަނަށް ދާނަމަ، ވެކްސިން ފުރިހަމަ ކޮށްފައިވާކަމުގެ ހެއްކެއް ދައްކަން ޖެެހެެއެވެ.