ކެރީބިއަންގެ ގައުމެއް ކަމަށްވާ ހެއިޓީއަށް ރޭ އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 724 އަށް އަރައިފި ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ބިންހެލުމުގެ ސަބަބުން އެތައް އިމާރާތެއް ވަނީ ވެއްޓިފައެވެ. އެހެންކަމުން ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. ބިންހެލުމާއިއެކު ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން އަނިޔާވި އެތައް ސަތޭކަ މީހުންނަކަށް މިހާރުވެސް އަންނަނީ ފަރުވާ ދެމުންނެވެ.

7.2 މެގްނެޓިއުޑްގައި އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ހެއިޓީގެ ބައެއް އަވަށްތައް ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. އިމާރާތްތައް ވެއްޓި ގިނަ މަގުތައް ވެސް ވަނީ ބަންދުވެފައެވެ.

ހެއިޓީ ސަރުކާރުން އާއްމުކުރި ނޫސްބަޔާނެއްގައި ބުނީ ބިންހެލުމުގެ ސަބަބުން ހެއިޓީގެ އެންމެ ދެކުނުން 500 މީހުން މަރުވެފައިވާ ކަމަށެވެ. 100 މީހުން ވަނީ ގްރާންޑް އަންސާ އަވަށުން މަރުވެފައެވެ. ނިޕްލްސް އަވަށުން 122 މީހުން ވަނީ މަރުވެފައެވެ. ގްރާންޑް އަންސާ އާއި ނިޕްލްސް އަަވަށަކީ އެންމެ އުތުރުގައި އޮންނަ ދެއަވަށެވެ. މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު ބިންހެލުމުގެ ސަބަބުން 2800 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވެއެވެ.

ރޭ އައި ބާރުގަދަ ބިންހެލުމަށް ފަހު މިއަދު ވެސް ހެއިޓީއަށް ވަނީ އާފްޓާޝޮކްތަކެއް އައިސްފައެވެ. އެބިންހެލުންތަކުގެ ސަބަބުން ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމެރިކާ އިން ވަނީ ބުނެފައެވެ. ހެއިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ގާތުން ބެއްލެވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓާ ސަމަންތާ ޕަވާ އަރިހުން އެދިވަޑައިގެންފައެވެ.

ބާރުގަދަ ބިންހެލުމާއިއެކު އެތައް ބަޔަކު ހާލުގައި ޖެހިފައި ވާއިރު ހެއިޓީ ކައިރިން ތޫފާނެއް އުފެދި، ހެއިޓީއަށް ވެސް ތޫފާނުގެ އަސަރު ކޮށްފާނެ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން މިއަދު ވަނީ ބުނެފައެވެ.