އަފްޣާނިސްތާންގައި ދިރިއުޅޭ 20،000 ރައްޔިތުންނަށް އިނގިރޭސި ވިލާތުގައި ދިރިއުޅެވޭނެ ގޮތް ހަދަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުން އަފްޣާނިސްތާނަށް އަރައި އެ ގައުމުގެ ވެރިކަން އަތުލުމާ ގުޅިގެން ގިނަ އަދަދެއްގެ އަފްޣާން ރައްޔިތުން ވަނީ ގައުމު ދޫކޮށް ދާން ފަށައިފައެވެ. ގިނަ މީހުން ބުނާ ގޮތުގައި ތާލިބާނުންގެ ހަރުކަށިކަމުގެ ސަބަބުން އެމީހުންނަށް އަމިއްލަ ވަޒަނުގައި އުޅެން ދަތިވާނެއެވެ.

އަފްޣާނިސްތާނުގެ ރައްޔިތުން ބޭރުގެ ގައުމުތަކަށް ހިޖުރަކުރަމުންދާ އިރު އެ ރައްޔިތުން ގައުމުތަކުން ބަލައިގަތުމަށް އ.ދ ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރޭޒް ވަނީ، ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފައެވެ. މިއާއެކު ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ވަނީ އަފްޣާން ރައްޔިތުންނަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފައެވެ.

އިނގިރޭސި ވިލާތުގެ ސަރުކާރުން ވައުދުވެފައިވާ ގޮތުގައި 20،000 ރައްޔިތުން އެ ގައުމުގައި ވަޒަންވެރި ކުރެވޭނެ ގޮތް ހަދާނީ އެކި އަހަރުތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ އަހަރުގައި 5،000 ރައްޔިތުންނަށް އާދެވޭނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެއެވެ. އަދި ފުރަތަމަ އިސްކަން ދޭ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް އެ ގައުމުން ބުންޏެވެ.

ހޯމް ސެކެޓްޓަރީ ޕްރިތީ ޕަޓޭލް ވިދާޅުވީ އެހެން ގައުމުތަކުން ވެސް މިކަމުގައި އެހީތެރިވާން ޖެހޭނެ ކަމަށެވެ. އަދި އެ ގައުމަށް އެކަނި މިކަން ނުކުރެވޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަން ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށްވެސް ފޯނުން ގުޅުއްވައިފައެވެ. މައުލޫމާތު ލިބޭގޮތުގައި ދެބޭފުޅުންގެ ވާހަކައިގައި އަފްޣާން ރައްޔިތުންނަށް ބޭރު ގައުމުތަކުގައި ތިބުމަށް ފުރުސަތު ހޯދައިދުނުމާ ގުޅޭ މަޝްވަރާތައް ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރެޑްލީފް

    ތިޔަ 20،000 އަފްޣާނީން ވާނީ ސަލްމާން ރުޝްދީ މެން ކަހަލަ ”މުސްލިމުން“ ތަކަކަށް ކަމުގައި ހާދަ ހީވެޔޭ. އެއީ އާދައިގެ މުސްލިމަކަށް އިނގިރޭސިވިލާތުން ޙިމާޔަތް ދިނުމީ ވަރަށް ނާދިރު ކަމެއް ވިއްޔަ.

    5
    2
  2. މެން

    ޢެކިއެކި ގަމުން މީހުން ގެންގޮސް ބަގާވަތް ކުރަން ދަސްކޮށްދޭ ގައުމެއް އިގިރޭސި ވިލާތަކީ

    2
    1
  3. Anonymous

    އާދަ އިގެ މުސްލިމަކަށް ކީ އްކުރާ ހިމާޔަތެ އްތަ؟

    2
    1