އިންޑިޔާ އަކީ ދުނިޔޭގައި އަންހެނުންނަށް އެންމެ ނުރައްކާތެރި ޤައުމުގެ ގޮތުގައި، ސާވޭ އެއްގައި ބަޔާންކޮށްފައި އޮތް އޮތުން، އެޤައުމުގެ ސަރުކާރުން ދޮގުކޮށްފިއެވެ.

އެޤައުމީ އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުވެފައި އޮތް ޤައުމެއް ނޫންކަމުގައި ބުނެފައިވަނީ މަޝްހޫރު ނޫސް އޭޖެންސީއެއްކަމުގައިވާ "ތޮމްސަން ރޮއިޓަސް" އިން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ނަތީޖާއަށް ބެލުމަށްފަހުއެވެ.

މިކަމާ ގުޅިގެން އިންޑިޔާގެ މަރުކަޒީ ސަރުކާރުގެ ވިމެން އެންޑް ޗައިލްޑް ޑެވެލޮޕްމަންޓް މިނިސްޓަރ، މަނޭކާ ގާންދީ ބުނެފައިވަނީ މިއީ ދޮގެއްކަމަށާއި، އެޤައުމަކީ ސާވޭ ރިޕޯޓުގައި ބަޔާންކޮށްފައި މިންވަރަށް، އަންހެނުންނަށް ނުރައްކާތެރި ޤައުމެއް ނޫންކަމަށެވެ.

މީގެއިތުރުން، ސާވޭގެ ރިޕޯޓު އާއްމުކުރުމުގެ ކުރިން އެމިނިސްޓްރީގެ ބަހެއް ހޯދާފައި ނުވުމުން އޭނާވަނީ ރޮއިޓަސް އަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ހަމައެހެންމެ، ރިޕޯޓަށް މައުލޫމާތު އެއްކުރުމުގައި ބޭނުންކޮށްފައި އުކުޅުތަކަށާއި، އެކަމަށް ނަގާފައިވާ ސާމްޕަލް އަށްވެސް، މަނޭކާ ވަނީ ފާޑު ކިޔާފައެވެ.

ހަމައެހެންމެ، އެޤައުމުގެ އަންހެނުންނާ ބެހޭ ކޮމިޝަނުގެ ޗެއާޕާސަން، ރޭކާ ޝަރުމާ ބުނެފައިވަނީ މި ސާވޭ އަށް ނަގާފައިވާ ސާމްޕަލް އަކީ ކުޑަ ސާމްޕަލް އެއްކަމަށާއި އަދި އެކަމުގެ ސަބަބުން މިއީ މުޅި ޤައުމުގެ މައުލޫމާތުކަމަށް ބުނެވޭނެ އެއްވެސް ފުރުޞަތެއް ނޯންނާނެކަމަށެވެ.

އެޤައުމުގެ ސަރުކާރުން މިހެން ބުނެފައިވީނަމަވެސް، އެޤައުމުގައި އަންހެނުންނަށް ކުރާ ޖިސްމާނީ، ޖިންސީ އަދި ނަފްސާނީ އަނިޔާތައްވަނީ އިތުރުވެފައެވެ. އަންހެނުންނާއި އަންހެން ކުދިން ރޭޕުކުރުމުގެ އަމަލުތައް އިތުރުވެފައިވާއިރު، މިކަންކަން އާއްމުންނަށް ތިލަވާ މިންވަރުވަނީ އިތުރުވެފައެވެ. އެހެންނަމަވެސް، ސަރުކާރުން ބުނެފައިވަނީ މިކަންކަން އިތުރުވަމުން ނުދާކަމަށެވެ.

މީގެކުރިން، މިހާރު އިންޑިޔާގައި ވެރިކަން ކުރާ ބީޖޭޕީ އިން، އިދިކޮޅުގައި އޮއްވާ 2013 ވަނަ އަހަރު ނެރުނު ރޮއިޓަސް ގެ ރިޕޯޓަށް، އެޕާޓީން ފާޑު ކިޔާފައި ނުވެއެވެ. އޭގެ ބަދަލުގައި، އޭރު ބުނެފައިވަނީ އޭރު އޮތް ސަރުކާރަށް ކަންކަން ކުރުމުގައި ނުކުޅެދިފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮޔަގެރި

    އެއްގޮތަކަށްވެސް ނުރައްކާތެރި ގައުމެއްނޫން. އަންހެންކުދިން ރޭޕަކޮށް މަރާލުމަކީ އަންހެންކުދިން ރައްކާތެރި ކުރުން. ދެން އެއަންހެނުންނަކަށް އިތުރު ނުރައްކަލެއް ކުރިމައްޗެއްނުވާނެ.

  2. ނުރަބޯ

    ހަހަހަ ހެހެހެ......!!! މޯދީ....!!! ދެން ކިހާވަރެއްވީމަތޯ ނުރައްކައު ވަނީ؟ ގެއިންބޭރު ގައި ރައްކައުތެރިކަމެއް ނެތް. ގޭގެއެތެރޭގައި ރައްކައުތެރިކަމެއް ނެތް.