ޖަޕާނުން 2029 އާ ހަމައަށް މާސްއަށް ދަތުރުކޮށް މާސްއިން ސުންކު (ސާމްޕަލް) ގަލާއި ވެލި ގެނައުމުގެ މަަސައްކަތް ފެށުމަށް ތައްޔާރުވެއްޖެެެެއެވެ.

ޖަޕާނުން މި އަމާޒު ހާސިލް ކުރަން އަޒުމްކަނޑައަޅާފައި ވަނީ އެމެރިކާ އަދި ޗައިނާއާއި ވާދަޖަހައި އެ ދެގައުމުން އެ އަމާޒު ހާސިލް ކުރުމުގެ ކުރިންނެވެ.

މި ގޮތަށް މާސް އިން ގެނެވޭނެ ގާތަކަކީ މާސްގެ އޮރިޖިން އަދި މާސްގައި އެއްވެސް ދިރުމެއްގެ ހިލަމެއްވޭތޯ ބަލަން ގެނެވޭ ސުންކު(ސާމްޕަލް) ތަކެކެވެ.

ޖަޕާނުގެ އެއަރޯސްޕޭސް އެކްޕްލޮރޭޝަން އޭޖެންސީން (ޖޭއޭއެކްސްއޭ) ވަނީ 2024 ގައި ރޮކެޓު އެކްސްޕްލޯރާ އެއް މާސްއަށް ފޮނުވަން ނިންމާފައެވެ. މި އެކްސްޕްލޯރާ އެނބުރި އަންނާނީ 10 ގްރާމުގެ ގަލާއި ވެލީގެ ސުންކުތައް ހިފައިގެން 2029 ވަނަ އަހަރު ކަމަށް ލަފާކޮށް ރިޕޯޓު ކޮށްފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޕްރޮޖެކްޓް މެނޭޖަރު ޔަސުހިރޯ ކަަވާކަޓްސޫ ވިދާޅުވީ މި ޕްރޮޖެކްޓުގައި އެމެރިކާއާއި ޗައިނާ ފަހަތައް ޖައްސާލައި މާސްއިން ގަލާއި ވެލީގެ ސާމްޕަލް ގެނައުމުގައި ޖަޕާނުން ކުރިހޯދާނެކަމަށެވެ.

ނާސާގެ ޕްރެޒާވެރެންސް ރޯވާ އިން ދަނީ މިވަގުތު މާސްގެ ކްރޭޓާ އެއްގައި މަސައްކަތް ކުރަމުންނެވެ. މި ރޯވާ ދުނިޔެ އަށް މާސް އިން 31 ސާމްޕަލް ނަގައިގެން އަންނަން ހަމަޖެހިފައިވަނި 2031 ވަނަ އަހަރަށެވެ. ނާސާގެ މި ރޯވާ އަކީ ޔޫރަޕިއަން ސްޕޭސް އޭޖެންސީ އާ ގުޅިގެން ހިންގާ ޕްރޮޖެކްޓަކަށް ވާތީ މި ރޯވާ އެނބުރި ދުނިޔެއަށް އައުމަށް ނިންމާފައިވަނީ ޔޫރަޕިއަން ސްޕޭސް އެޖެންސީގެ އެހީތެރިކަމާއި އެކުއެވެ.

ގަލާއި ވެލީގެ ސުންކުތައް ތަހުލީލުކޮށް އޭގެ އަލީގައި މާޓިއަން ބަޔޯސްފެއާގެ އިވެލިއުޝަންއާއި ބެހޭގޮތުން މައުލޫމާތު ލިބޭނެކަމަށް ސައިންސްވެރިން އުންމީދުކުރެއެވެ.

ޗައިނާއިންވެސް ވަނީ މި އަހަރު މާސްއަށް ސްޕޭސްކްރާފްޓެއް ފޮނުވާފައެވެ. މި ސްޕޭސް ކްރާފްޓު ގާތަކުގެ ސާމްޕަލް ހިފައިގެން އެނބުރި އަންނަން ހަމަޖެހިފައިވަނީ 2030 ގައެވެ.