ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ހާލު އަންނަނީ ރަނގަޅު ވަމުން ކަމަށް މަންޑޭލާގެ ކުރީގެ އަނބިކަބަލުން ވައިން މަޑިކިޒެލާ މަންޑޭލާ ވިދާޅުވެއްޖެއެވެ.

މަންޑޭލާގެ ކުރީގެ އަނބިކަބަލުން ވިދާޅުވީ މަންޑޭލާގެ ހާލަތައް ހެޔޮ ބަދަލު ތަކެއް އައިސްފި ކަމަށާއި ނަމަވެސް އަދި ވެސް ހާލު ދެރަކަމަށެވެ.

މަންޑޭލާ އޮންނެވި ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގެ މަގުތައް ބައްދުކޮށްފައި ވާއިރު މަންޑޭލާގެ ޚަބަރެއްވޭތޯ ހޮސްޕިޓަލް ބެރުގައި ކޭންޕުޖަހައިގެން ތިބި ނޫސްވެރިންނާއި ބައްދަލުކޮށް މަންޑޭލާގެ ކުރީގެ އަނބިކަބަލުން ވިދާޅުވީ އޭނާ އަކީ ޑޮކްޓަރެއް ނޫންކަމަށާއި ނަމަވެސް މަންޑޭލާގެ ހާލަތައް ރަނގަޅު ބަދަލުތަކެއް އަންނަކަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ދެކުނު އެފްރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސް ނެލްސަން މަނޑޭލާ ހޮސްޕިޓަލްގައި އެޑްމިޓް ކުރައްވާފައިވާތާ އެކާވީސް ދުވަސް ވެފައިވާއިރު ކަޅުނަސްލުގެ ބޭފުޅަކަށް އެމެރިކާގެ ރައީސްކަން ކުރައްވާ ފުރަތަމަ ބޭފުޅާކަމަށްވާ ބަރަކް އޮބާމާ އެފްރިކާއަށް ކުރައްވާ ދަތުރުފުޅުގައި މިހާރު ހުންނެވީ ދެކުނު އެފްރިކާގައެވެ.

އޮބާމާ ސެނެގާލުން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިން އޮބާމާ އަރިހުން މަންޑޭލާ ކައިރިއަށް ޒިޔާރަތް ކުރައްވާނަންތޯ ސުވާލު ކުރުމުން އޮބާމާ ވިދާޅުވީ "ފޮޓޯ ގަނޑެއް ނަގަން" ބެނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށެވެ.

ADS BY SHEESHA

އަދި މަންޑޭލާގެ އާއިލާގެ ބޭފުޅުން އެހާ ކަންބޮޑުވެފައި ތިބި ވަގުތެއްގައި އެމީހުންނަށް އުނދަގޫ ވެދާނެ އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށް ވެސް އޮބާމާ ވިދާޅުވިއެވެ.

ADS BY ASTERS

Comments are closed.