ތުރުކީ ބޯޑަރު މެދުވެރިކޮށް އަފްޣާނިސްތާނުގެ މީހުން ގްރީސްއަށް އެތެރެވިޔަ ނުދިނުމަށް ބޯޑަރު ބަންދުކޮށް 40 ކިލޯމީޓަރުގެ ފެންސެއް ޖަހައިފިއެވެ.

ގްރީސްގެ ސިޓިޒަން ޕްރޮޓެކްޝަން މިނިސްޓަރ މައިކަލިސް ކްރިސޯކޮއިޑިސް ވިދާޅުވީ ކަމެެއް ދިމާވުމުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަސް ނުކުރެވޭނެ ކަމަށާއި، އޭގެ ކުރިން ތިބޭނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ. އެގައުމުން ތުރުކީ ބޯޑަރު ސަރަހައްދުގައި ޖަހާފައިވާ ފެންސުތައް ހަލާކު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

މައިކަލިސް މިހެން ވިދާޅުވެފައި ވާއިރު އަފްޣާނިސްތާން ދޫކޮށް އަންނަ މީހުންގެ ޒިންމާ ޔޫރަޕްގެ ގައުމުތަކުން ނެގުމަށް ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދޮޣާން ގްރީސްގެ ބޮޑުވަޒީރަށް ކުރެއްވި ފޯން ކޯލެއްގައި ގޮވައިލުމާ ގުޅިގެންނެވެ.

ގްރީސްގެ ބޮޑު ވަޒީރު ކައިރިއާކޯސް މިޓްސޮޓަކިސް އާއި ފޯނުން ދެއްކި ވާހަކަފުޅެއްގައި ތުރުކީގެ ރައީސް ވިދާޅުވީ ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ދިޔުމުގެ ސަބަބުން އެ ގައުމު ދޫކޮށްދާ މީހުން ކުރިއަށް އޮތް ތަނުގައި އިތުރުވެސް ވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އީރާނާއި އަފްޣާނިސްތާނުން އަޅަންވީ ފިޔަވަޅުތައް އަވަހަށް ނާޅައިފިނަމަ، އަފްޣާނުން މީހުން އެހެން ޤައުމުތަކަށް ދިޔުން ކޮންޓްރޯލް ނުވެ އެންމެންނަށްވެސް ހުރި ނުރައްކަލަކަށް އެކަން ވެދާނެ ކަމަށް އުރުދޮޣާން ވިދާޅުވި ކަމަށް ބީބީސީން ރިޕޯޓު ކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް އަފްޣާނިސްތާނުން ބޭރަށް 28،000 މީހުން ގެންގޮސްފައިވެއެވެ. އަފްޣާނިސްތާނު ދޫކޮށް އެގައުމުގެ މީހުން ދާން މަސައްކަތް ކުރަމުންދަނީ ޠާލިބާނުން 20 އަހަރަށް ފަހު އަނެއްކާވެސް އެގައުމުގެ ވެރިކަމާއި ހަވާލުވުމާއި ގުޅިގެންނެވެ.