އިނގިރޭސިވިލާތައް ދަތުރު ކުރުން މަނާ މީހުންގެ ލިސްޓްގައި ހިމެނޭ މީހަކު އަފްޣާނިސްތާނުން އިނގިރޭސިވިލާތައް ގެންދެވުނުކަން އެނގިގެން އެގައުމުގެ އިދާރާތައް އެލާޓަށް އައިސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިނގިރޭސިވިލާތުން އަފްޣާނިސްތާންގައި ތިބި އިނގިރޭސީންނާއި އަދި ރެފިއުޖީން އަސްކަރީ ފްލައިޓެއްގައި އުފުލިއިރު އޮޅިގެން އިނގިރޭސިވިލާތައް ގެންދެވުނު މީހަކީ އިނގިރޭސިވިލާތުގެ ގައުމީ ސަލާމަތައް ނުރައްކާ ވާވަރުގެ މީހެކެވެ. އޭނާ އިނގިރޭސިވިލާތައް ދަތުރު ކުރުން މަނާ މީހުންގެ ލިސްޓްގައި ހިމެނިފައި އޮއްވާ އިނގިރޭސިވިލާތައް އެތެރެވި ނަމަވެސް އޭނާ މިހާރު ހުރިތަނެއް އަދި ސަރުކާރުން ކަށަވަރު ކޮށެއް ނުދެއެވެ.

އަފްޣާނިސްތާނުން އިނގިރޭސިވިލާތައް މީހުން އުފުލަން ފެށިފަހުން އެގައުމަށް ދަތުރުކުރުން މަނާ ފަސް މީހަކު ވަނީ އިނގިރޭސިވިލާތައް ދަތުރު ކުރުމަށް ކާބުލް އެއާޕޯޓަށް ގޮސް ޗެކިން ފުރިހަމަ ކޮށްފައެވެ. ނަމަވެސް އޭގެތެރެއިން ހަތަރު މީހަކު ވަނީ އިނގިރޭސިވިލާތައް ދަތުރު ކުރުން މަނާ މީހުންގެ ލިސްޓްގައި ނަން އޮތުމުން ފުރިޔަ ނުދީ އަނބުރާ ފޮނުވާލާފައެވެ.

އިނގިރޭސިވިލާތުގެ ގައުމީ ސަލާމަތައް ނުރައްކާ ކުރިމަތި ކޮށްފާނެ ކަމަށް ލަފާކުރެވޭ މީހުންގެ ލިސްޓްގައި ހިމެނޭ މީހަކު އެގައުމަށް އެތެރެވުމުން ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެންބަރުން ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ގައުމީ ސަލާމަތައް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއް ސަރުކާރުން ކޮށްފައި ވުމުން އެމައްސަލަ ގާނޫނު ހަދާ މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީން ބަލާނެ ކަމަށް އިދިކޮޅު މެންބަރުން މިހާރު ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގެ ބައެއް އޮފިޝަލުން ކުރިން ވެސް ވަނީ ފޯޖް ލިޔުންތައް ހުށަހަޅައިގެން ބައެއް ނިރުބަވެރިން ކާބުލްގެ އެއާޕޯޓުން އިނގިރޭސިވިލާތައް ދަތުރު ކޮށްފާނެތީ އެކަމުގެ ކަންބޮޑުވުން މީޑިއާތަކާއި ހިއްސާ ކޮށްފައެވެ. ނަމަވެސް އިނގިރޭސި ސަރުކާރުން ކުރިން ބުނެފައި އޮތީ އެއްވެސް މީހެއްގެ ހުރިހާ މައުލޫމާތެއް ޗެކް ނުކޮށް އިނގިރޭސިވިލާތައް އެތެރެވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    ލޮލް. ގެއްލުވާލަބަލަ

    3
    3
  2. މަގޭ މަރު

    ޝާނީ ހާދަވަރަކަށް ތާލިބާނުންނާއި ޖެހިފައި ތިހުންނަވަނީ

    2
    3
  3. މަގޭމަރޭކިޔާކޮމެންޓްކުރިބީތާއަށް

    ކަލޭ ހާދަ ތާލިބާނުވެފަ ތި ހުންނަނީ؟ ދޭބެއަ އަފްގާނަށް އެމީ ހުން ތޮއްވަރިއަށް ވަދެ އޮންނަން

    1
    1