މެކްސިކޯޑްގެ މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ އެލްޗަޕޯ ގުޒްމަންގެ ސިނަލޯއާ ކާޓެލް އިން މަސްތުވާތަކެތި ވިއްކައިގެން ހޯދި އެތައް މިލިއަން ޑޮލަރެއް އެމެރިކާގައި ލޯންޑާކޮށް އެފައިސާ "ސާފު ފައިސާގެ ގޮތުގައި" އަނބުރާ މެކްސިކޯއަށް ފޮނުވުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެކަކު ދިހަ އަހަރަށް ޖަލަށް ލުމަށް އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ދިހަ އަހަރުގެ ހުކުމެއް އައީ އުމުރުން 61 އަހަރުގެ އަންހެނެއް ކަމަށްވާ ގުއަޑަލޫޕާ ފެރްނާންޑޭޒް ވެލެންސިއާއަށެވެ. ގުއަޑަލޫޕާގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެ އޭނާގެ މައްޗަށް ދިހަ އަހަރުގެ ޖަލު ހުކުމެއް އައި ނަމަވެސް އޭނާގެ މައްޗަށް އުފުލާފައިވާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ އުމުރު ދުވަހު އޭނާ ޖަލުގައި އޮންނަން ޖެހިދާނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

ގުއަޑަލޫޕާގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާއަށް އޭނާ އިއުތިރާފުވެ، އަދި ތަހްގީގަށް އެއްބަރުލުން ދެމުން ދާތީ އޭނާގެ މައްޗަށް ހުކުމް އިއްވީ ކަފާލާތުގެ ދަށުން ޖަލުން މިނިވަން ވެެވޭ ގޮތަށެވެ. ނަމަވެސް ކަފާލާތުގެ ޝަރުތު ހަމަވާނީ ޖަލު ހުކުމުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކުރުމުންނެވެ. މަސްތުވާތަކެތީގެ މައްސަލައިގައި އިތުރު ދައުވާއެއް ސާބިތުނުވެއްޖެނަމަ ގުއަޑަލޫޕާ ފަސް އަހަރު ފަހުން ޖަލުން މިނިވަން ވާނެއެވެ.

ގުއަޑަލޫޕާ އަށް އެލްޗަޕޯގެ ކާޓެލް މެންބަރު މުހާތަބު ކުރަނީ "ލަ ޕެޓްރޯނާ" ގެ ނަމުންނެވެ. އޭނާ ހައްޔަރު 2016 ވަނަ އަހަރު މެކްސިކޯގެ ސިޓީއަކުންނެވެ. އޭނާ އެމެރިކާ ސަރުކާރާއި ހަވާލުކުރީ 2017 ވަނަ އަހަރު އެވެ.

ގުއަޑަލޫޕާގެ ބޭބެ އަކީ ވެސް ސިނަލޯއާ ކާޓެލްގެ އިސް މެންބަރެކެވެ. އޭނާ އަށް އެމެރިކާގެ ޗިކާގޯގެ ކޯޓަކުން ވަނީ 2016 ވަނަ އަހަރު 27 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

2017 ވަނަ އަހަރު އެލްޗަޕޯ ވެސް ވަނީ މެކްސިކޯ އިން އެމެރިކާ އާއި ހަވާލު ކޮށްފައެވެ. އޭނާގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.