އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ނިންމުންތަކުގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތައް ނުރައްކާ ވެފައިވާ ކަމަށާއި އެހެންކަމުން އެމެރިކާގެ ރައީސް ކަމުން ޖޯ ބައިޑެން ދުރުކުރަން ޖެހޭކަމަށް އެމެރިކާގެ ކޮންގްރެސްގެ މެންބަރެއް ކަމަށްވާ މެޑިސަން ކެތޯން ވިދާޅުވެއްޖެއެވެ.

ކެތޯން އަކީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރެކެވެ. ކެތޯން ބައިޑެން މަގާމުން ދުރުކުރަން ގޮވާލާފައި ވަނީ އެމެރިކާގެ ނައިބު ރައީސް ކަމެއްލާ ހެރިސް އަށް ފޮނުވި ސިޓީއެއްގައެވެ.

ބައިޑެން އެމެރިކާގެ ވެރިކަމުން ދުރުކުރަން ކެތޯން ގޮވާލެއްވިއިރު އިއްޔެ އަފްޣާނިސްތާންގައި ދިން ބޮމުގެ ހަމަލާތަކެއްގައި އެމެރިކާގެ 13 ސިފައިން މަރުވެ އިތުރު 15 ސިފައިން ވަނީ ޒަހަމްވެފައެވެ. އަފްޣާނިސްތާންގެ ކޮންޓްރޯލް ޠާލިބާނުން ނަގާފައިވާއިރު ޠާލިބާނުންނަށް އަފްޣާނިސްތާންގެ ކޮންޓްރޯލް ހޯދުނީ އަފްޣާނިސްތާންގައި ތިބި ގިނަ އަދަދެއްގެ އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެންދިއުމުންނެވެ.

ކެތޯން ވިދާޅުވީ ބައިޑެންގެ ނިންމުންތަކުގެ ސަބަބުން އެމެރިކާ މިހާރު އޮތީ ކާރިސާއެއްގެ ތުންފަތްމަތީގައި ކަމަށެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ޗައިނާ އާއި ރަޝިއާގެ ނިންމުންތަކާއި ވާދަކުރުމުގެ ގާބިލްކަން އެމެރިކާއަށް ނުދެއްކޭ ކަމަށާއި އޭގެ ބަދަލުގައި ފެންނަނީ އެދެގައުމުން ބުނާހާ ގޮތެއް އެމެރިކާ އިން ހަދަމުންދާ މަންޒަރު ކަމަށް ކެތޯން ވިދާޅުވިއެވެ.

އޭގެ އިތުރުން އުތުރު އެމެރިކާގެ ގައުމުތަކުން އެމެރިކާއަށް ހިޖުރަ ކުރާ މީހުންގެ އަދަދު އިތުރުވެ އެމެރިކާގެ ބޯޑަރުތައް ފުރި ބާރުވެފައި އޮތްއިރު ވެސް މައްސަލަ ހައްލުކުރަން ބައިޑެން އަށް ކުރެވުނުކަމެއް ނެތްކަމަށް ކެތޯން ވިދާޅުވިއެވެ.

އަފްޣާނިސްތާންގެ ހާލަތު ގޯސްވެ އެމެރިކާ އަށް އެކަމުގެ ސަބަބުން އެތައް ނުރައްކަލަކާއި ކުރިމަތިލާން ޖެހުމުގެ އަސްލަކީ ބައިޑެންގެ ފޫނުބެދޭ ނިންމުންތައްކަން އެއްވެސް ސުވާލެއް ނެތްމިންވަރަށް ސާފުވާކަމަށް ކެތޯންގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

"މިހުރިހާ ސަބަބުތަކެއް މިހެން ހުރުމުން އެމެރިކާގެ ރައީސްގެ ގޮތުގައި އަދާކުރަން ޖެހޭ ޒިންމާތަކާއި ވާޖިބުތައް އަދާކުރެވޭނެ ގާބިލްކަމެއް ރައީސް ބައިޑެންގެ ކިބައިގައި ނެތްކަން ވަރަށް ބޮޑަށް ސާފުވެއްޖެއެވެ. އެހެންކަމުން ރައީސް ބައިޑެން އެމެރިކާގެ ރައީސްގެ މަގާމުން ދުރުކޮށް ނައިބު ރައީސް ކަމެއްލާ އެމެރިކާގެ ވެރިކަމާއި ހަވާލުވާން އެބަޖެހެއެވެ." ކެތޯންގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ސިޔާސި މައިދާނުގައި ހުރި އެންމެ ތަޖުރިބާކާރު އެއްބޭފުޅާ ކަމަށްވާ ބައިޑެން އެމެރިކާގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ކުރިމަތިވި އެންމެ ގޮންޖެހުން ބޮޑު މައްސަލައަކަށް އަފްޣާނިސްތާންގެ މައްސަލަ ވަނީ ވެފައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ބައިޑެން އަފްޣާނިސްތާންގެ މައްސަލައިގައި އަމަލު ކުރަމުންދާ ގޮތަށް ބަލާއިރު އޭނާއަށް އެކަމުގެ ސިޔާސީ ގެއްލުން ވަރަށް ބޮޑަށް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.