ދުނިޔެދުއް އެންމެ ނުރައްކާތެރި ނިރުބަވެރިޔާގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ އުސާމާ ބިން ލާދިން އަކީ ހަގީގަތުގައި އެހައި ނުލަފާ މީހެއް ނޫންކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނީ އެމެރިކާ އަށް ދިން 11/9 ހަމަލާއަށް 20 އަހަރު ފުރުމާއި ދިމާކޮށް އެމެރިކާގެ ޓީވީ ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައެވެ. ފްލައިޓްތަކެއް ހައިޖެކް ކޮށްގެން އެމެރިކާ އަށް 2001 ވަނަ އަހަރު ދިން ވަރުގަދަ ނިރުބަވެރި ހަމަލާ ރާވައި އެހަމަލާ ދޭނެ މީހުން ޓްރޭނިން ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އުސާމާ ބިން ލާދިންގެ ރޭވުމާއި އެއްގޮތަށް ކަމަށް އެމެރިކާ އިން ބުނެއެވެ.

ޓްރަމްޕް ބުނީ އުސާމާ ބިން ލާދިން އަށްވުރެ މާނުރައްކާތެރި އަދި މާނުލަފާ ނިރުބަވެރިން ދުނިޔެ އިން ފެނިފައިވާ ކަމަށެވެ. "އައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ އާއި އީރާން އަސްކަރީ ކޮމާންޑަރު ޣައްސާމް ސުލައިމާނީ އަކީ މާނުރައްކާތެރި ބައެއް. އުސާމާ ބިން ލާދިން ވަނީ ނުރައްކާތެރި ހަމަލާއެއް ދީފައި. ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާއަކީ ނުރައްކާތެރި ހަމަލާއެއް. އެކަމަކު ބަޣުދާދީ އާއި ސުލައިމާނީ އަކީ އުސާމާ ބިން ލާދިން އާއި އަޅައި ބަލާއިރު ނުރައްކާތެރި ދެފުރޭތަ." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ބުނީ އުސާމާ ބިން ލާދިން އަށްވުރެ ބަޣުދާދީ އާއި ސުލައިމާނީގެ ނުރައްކާތެރިކަން ބޮޑު ނަމަވެސް އެދެމީހުން މަރާލަން އޭނާގެ ވެރިކަމުގައި ހޯދި ކާމިޔާބީގެ ވާހަކަ ދައްކަން މީޑިއާތަކުން ބޭނުންނުވާ ކަމަށެވެ.

އެމެރިކާ ސިފައިން ބަޣުދާދީ މަރާލީ ޓްރަމްޕްގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ އޮކްޓޯބަރ 27 ވަނަ ދުވަހު އެވެ. ސުލައިމާނީ މަރާރީ ޓްރަމްޕްގެ ވެރިކަމުގައި 2020 ވަނަ އަހަރުގެ ޖަނަވަރީ 03 ވަނަ ދުވަހު އެވެ.

އުސާމާ ބިން ލާދިން ރާވައިގެން ދިން ހަމައެކަނި ހަމަލާއަކީ ސެޕްޓެމްބަރ 11 ގެ ހަމަލާކަމަށް ޓްރަމްޕް ބުނި ނަމަވެސް 1998 ވަނަ އަހަރު އެމެރިކާގެ ތިން އެމްބަސީ އެއްގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާ އާއި 2000 ވަނަ އަހަރު އެމެރިކާ ސިފައިންގެ މަނަވަރެއްގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާ އަކީ ވެސް އުސާމާ ބިން ލާދިންގެ ރޭވުމުގެ މަތިން ދީފައިވާ ހަމަލާތައް ކަމަށް އެމެރިކާ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެނޫންވެސް އެތައް ހަމަލާއެއް އުސާމާ ބިން ލާދިން އެމެރިކާ އަށް އަމާޒުކޮށް ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަން ރީނދޫ

    ކަލޭ ތީ ބޮޑު ޓެރަރިސްޓް. މާވަގު މަ ހާ ޓެރަރިސްޓް.

    21
    2
  2. ސާރކާސްޓިކް

    ކަލޭވެސް ތިއީ ނުލަފާމީހެއް ނޫން.

    4
    1