ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އަޒުލުކުރި ނަވާޒް ޝަރީފަށް، އޭނާ ނިސްބަތްވާ ޕާޓީ، "ޕާކިސްތާން މުސްލިމް ލީގު- ނަވާޒް" (ޕީއެމްއެލް-އެން)ގެ ލީޑަރުކަންވެސް ނުކުރެވޭނެކަމަށް އެޤައުމުގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ. ސުޕްރީމް ކޯޓުން މިގޮތަށް ޙުކުމްކޮށްފައިވަނީ އިއްޔެއެވެ.

"އޭއެފްޕީ" އިން ބުނެފައިވާ ގޮތުގައި، ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މިހާރުވަނީ، ނަވާޒް ޝަރީފު ހުރި މަޤާމުން އޭނާ ވަކިވިކަން ރިކޯޑުކުރުމަށް އެޤައުމުގެ އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ.

ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތަކެއްގައި ވެރިކަމުން އަޒުލުކުރި ނަވާޒަށް، ޕާޓީގެ ލީޑަރުކަމުގައި ހުރެވޭ ގޮތްވީ، އޭނާގެ ޕާޓީން މަޖިލީޖަށް ހުށަހަޅައިގެން ފާސްކުރި ޤާނޫނެއްގެ ސަބަބުންނެވެ.

ޕާކިސްތާނުގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެޤައުމުގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމުގެ ސަބަބުން އެޤައުމުގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ، ސިޔާސީ ނުތަނަވަސްކަމެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ.

ހަމައެހެންމެ، މި ކަމުގެ ސަބަބުން އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޤައުމުގެ އާއްމު އިންތިޙާބު ލަސްވެގެން ދިޔުމަކީ ވަރަށް ގާތްކަމެއްކަމުގައިވެސް ސިޔާސީ ފަރާތްތަކުން ބުނެއެވެ. ހަމައެހެންމެ، މި ކަމުގެ ފައިދާ އެންމެ ބޮޑަށް ކުރާނެކަމަށް ބެލެވެނީ ނަވާޒަށްކަމަށާއި މި ކަމުގެ ސަބަބުން އޭނާގެ ޕާޓީއަށް ލިބޭ ވޯޓުގެ އަދަދުގެ އިތުރުވުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަމަށާއި އެއީ ރައްޔިތުންގެ މެދުގައި އޭނާއަށް ހަމްދަރުދީ އުފެދިގެންކަމަށްވެސް ސިޔާސީ އެނަލިސްޓުން ބުނެއެވެ.

ތިން ފަހަރެއްގެ މަތިން ނަވާޒް ޝަރީފް، ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާއިރު، އެންމެ ފަހުން އޭނާ މަޤާމުން ވަކިކުރެއްވީ، ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކަށް ފަހު އެނބުރި ޤައުމަށް ވަޑައިގެންނެވި ތަނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަވާޒް

    އަވަހަށް ސުޕުރީމް ކޯޓުގެ ޓިނުނަގައި ސިފއަިން ވައްދާ އުއްތަމަ ފަނޑިޔާރު ރަހީނު ކުރޭ! އަދި ފުލުހުން ލައްވައި ކޮންމެސް ޖިނާއީ ތުހުމަތެއް އުއްތަމަ ފަނޑިޔާރު ބޮލުގަ އަޅުވާ... އިގޭ ވަގުތު ކުދިންނަށް ޗުއްޓީ ދަތުރެއް ދިނީމަ މިކަހަލަ ކޮމެންޓު ޖަހައިދޭން ނުކެރޭނެކަންވެސް!