އެމެރިކާގެ މެރީލޭންޑްގައި ހުންނަ "ދަ ކެޕިޓަލް ގެޒެޓް" ނޫހުގެ އިދާރާ އަށް ހަމަލާދީ ފަސް މީހުން މަރާލައިފިއެވެ.

މިހަމަލާ ދީފައި ވަނީ ބަޑިންނެވެ. ފަސް މީހުން މަރާލުމުގެ އިތުރުން މިހަމަލާގައި އިތުރު ދެމީހަކު ވަނީ ޒަހަމް ކޮށްލާފައެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއީ އެމެރިކާގެ ނޫސްވެރިކަމުގެ ތާރީޚްގައި ވެސް އެގައުމުގެ މީޑީއާ އަކަށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.

ހަމަލާ ދިނުމުގައި ބައިވެރި ކަމަށް ތުހުމަތު ކުރެވޭ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ހައްޔަރުކޮށްފައިވާ މީހާގެ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ހަމައެކަނި ބުނެފައި ވަނީ ހައްޔަރުކޮށްފައި ވަނީ އުމުރުން ތިރީހަކަށް އަހަރުގެ ފިރިހެނެއް ކަމަށެވެ.

ހަމަލާ ދިން ސަރަހައްދުން ގޮވާއެއްޗެއް ވެސް ފެނުނު ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ހަމަލާ ދިން މީހާ ވަނީ ހަމަލާ ދިނުމަށް ފަހު ފިލާފައެވެ. ނަމަވެސް ފޭސިއަލް ރިކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން މަދު އިރުކޮޅެއްގެ ތެރޭގައި ހަމަލާ ދިން މީހާ ދެނެގަނެ އެމީހާ ހޯދުމަށް ފަހު އޭނާ ހައްޔަރުކޮށްފައިވާކަމަށް އޭޕީ ނޫސްއެޖެންސީ އިން ބުނެއެވެ.

ހަމަލާދިން ނޫސް އެޖެންސީގެ އިދާރާ ހުންނަ އިމާރާތުން މިހާރު ވަނީ މީހުން ހުސްކޮށްފައެވެ. ފުލުހުން އަދިވެސް ގެންދަނީ އެއިމާރާތް ބަލައި ފާސްކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ ޓެރަރިސްޓް ހަމަލާއެއް ކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި ފުލުހުން ނުބުނެއެވެ.

ބަޑި ގެންގުޅުމުގައި ދީފައި އޮންނަ ލުއިތަކުގެ ސަބަބުން ބަޑި ޖަހާ މީހުން މެރުމަކީ އެމެރިކާގައި އާންމު ކަމެކެވެ. ނަމަވެސް ހަތިޔާރު އުފައްދާ ކުންފުނިތަކުގެ ނުފޫޒު ސިޔާސީ ފަރާތްތަކުގެ މައްޗަށް ވަރަށް ގަދައަށް ފޯރާތީ ބަޑި ގެންގުޅުން ކޮންޓްރޯލް ކުރަން އެކަށީގެންވާ ޤާނޫނޫތަކެއް ހެދޭނެ ގޮތެއް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްސުއޫދު ވަލް ބުއްޅަބޭ

    އަހަރެންގެ ވެރިކަމެއްގައި ވިޔާފާރިވެިން ނުތިބޭނެ، އެއީ އެމީހުންގެ ނުފޫޒުން ގައުމު ސަލާމަތްކރަން، ރައްޔަތުން ބޭނުންވާ އެއްޗެއް އޮންލައިންކޮށް އޯޑަރޖެހީމަ އިންޑިޔާއިން ގެންނަންޖެހޭނީ!