އިންޑިއާއިން ކަޝްމީރު މިނިވަން ކުރުމަށް ގޮވާލައި އެކަމަށް އެންމެ މަސައްކަތް ކުރެއްވި ކަޝްމީރުގެ ސިޔާސީ ލީޑަރެއް ކަމަށްވާ ސައްޔިދު އަލީ ޝާހު ގީލާނީގެ ހަށިކޮޅު އެގައުމުގެ ސިފައިން ފޭރިގަނެއްޖެއެވެ.

ދިގު މުއްދަތަކަށް އާލާސްކަންފުޅާ އުޅުއްވުމަށްފަހު ޝާހު އަވަހާރަވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭރު އޭނާގެ އުމުރުފުޅަކީ 92 ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ޝާހުގެ ދަރިކަލުން ނަސީމް ގީލާނީ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބައްޕަ ސްދާނުލުމަށް އާއިލާއިން ނިންމާފައިވަނީ ސްރިނަގަރުގެ ޝަހީދުންގެ މައި ޤަބުރުސްތާނުގައި ކަމަށާއި އެހެން ނަމަވެސް އެގައުމުގެ ސިފައިން އޭނާގެ ހަށިކޮޅު ގަދަކަމުން ޖަހައިގަނެގެން ގޮސް ފަސްދާނުލާފައިވާ ކަމަށެވެ.

ނަސީމް ބުނީ، އިންޑިއާ ސިފައިން ބައްޕަގެ ހަށިކޮޅު ޖަހައިގަނެގެން ގޮސް ފަސްދާނުލާފައިވަނީ މަދު ބަޔަކާއި އެކީ އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުގެ ހަރުކަށި ފިޔަވަޅުތަކާއި އެކީ ކަމަށެވެ.

"އެމީހުން ބައްޕަގެ ހަށިކޮޅު ގަދަކަމުން ޖަހައިގަނެގެން ގޮސް ގަދަކަމުން ފަސްދާނުލީ. އެތަނަކަށް އާއިލާ އެއްވެސް މީހަކަށް ނުދެވުނު. ބައްޕަގެ ހަށިކޮޅު ގެންދަން އުޅުމުން އާއިލާއިން އެކަމާއި ދެކޮޅު ހެދުމުން އަންހެން މެމްބަރުންނާއި ވެސް ޒުވާބުކޮށް ހަށިކޮޅު ގެންދިޔައީ" ނަސީމް ބުނެފައިވެއެވެ.

ފަ ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ބުނެފައިވަނީ ޝާހުގެ ހަށިކޮޅު ސިއްރިއްޔާތުގައި އެގައުމުގެ ސިފައިން ފަސްދާނުލާފައިވަނީ އޭނާގެ ޖަނާޒާގެ ތެރެއިން ހަމަނުޖެހުމެއް ހިނގައި އެގައުމާއި ދެކޮޅަށް މުޒާހަރާތަކެއް ނުވަތަ އިހުތިޖާޖުތަކެއް ފެށިދާނެކަމުގެ ބިރުއޮތުމުން ކަމަށެވެ.

ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޝާހު އަވަހާރަވުމާއި ގުޅިގެން އިންޑިއާގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް ކަޝްމީރުގައި އަޅާފައެވެ.